ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކީ އެޗްޑީސީން ވެފައިވާ އެއްބަސްވުން ބާތިލްކޮށް ބިން އަތުލަން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސައިލަން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
އެ މަސައްކަތް ކުރަން އެޗްޑީސީން 13 ޖުލައި 2017ގައި އެއްބަސްވުން ހެދީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ އެކުގަ އެވެ. އެ ކުންފުނިން މަޝްރޫއުގެ ހުރިހާ ހައްގެއް ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރީ ފެބްރުއަރީ 4، 2018 ގަ އެވެ.
ވޯޓާ ތީމް ޕާކު ހަދަން ދިން ބިމުގައި ބައެއް އިމާރާތްތައް ހަދާފައިވީ ނަމަވެސް އެޗްޑީސީން އެދިފައިވާ ދުވެލީގައި މަސައްކަތް ކުރިއަށް ނުދާތީވެ، އޮގަސްޓް 22، 2022 ގައި އެއްބަސްވުން ބާތިލްކޮށް ބިން ހަވާލުކުރަން ވޯޓާ ފްރޮންޓް ހޮޓެލްއަށް އެޗްޑީސީން އެންގި އެވެ.
ވޯޓާ ފްރޮންޓް ހޮޓެލްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި ބިން އަތުލަން އެޗްޑީސީން އަންގާފައިވާ އެންގުމަށް އަމަލުކުރުން މަޑުޖައްސައިލަން ވަގުތީ އަމުރަކަށް އެދުނެވެ. ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރު ނެރެދެވޭނެ ހާލަތެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން ދެން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ހައި ކޯޓުން ވަނީ ވޯޓާ ފްރޮންޓް ހޮޓެލް އިން ބޭނުންވި ގޮތަށް އެޗްޑީސީގެ އެންގުމަށް އަމަލުކުރުން މަޑުޖައްސައިލަން ވަގުތީ އަމުރެއް ނެރެދީފަ އެވެ.

އެޗްޑީސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ އަމުރު އިސްތިއުނާފްކުރުމުން މިއަދު އޭގެ ފުރަތަމަ އަޑުއެހުން ވަނީ ބާއްވައިފަ އެވެ. އެޗްޑީސީން ބުނާ ގޮތުން، ވަކި އަގުތަކާއި މުއްދަތެއް ކަނޑައެޅިގެން ވެފައިވާ އެއްބަސްވުމަކަށް އަމަލުނުކޮށް ބާތިލްކުރުމުން އެއަށް އަމަލުކުރުމުން ފަސްކޮށްގެން ގެއްލުމެއް ލިބޭނީ އެޗްޑީސީއަށް ކަމަށެވެ. ފަސްނުކޮށްގެން ވޯޓާ ފްރޮންޓް ހޮޓެލަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ހުޅުމާލެއިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ އެންމެ ބޮޑު ބިމެވެ. މުޅި މަޝްރޫއުގެ އަގަކީ 235 މިލިއަން ޑޮލަރެވެ. ބިން ކުއްޔަށް ދީފައިވަނީ 35 އަހަރަށެވެ.












