ރާއްޖޭގެ ކުންފުނިތަކުގެ މަސައްކަތުގެ މާހައުލަކީ ގުޅުން ބަދަހި އަދި އުފާވެރި މާހައުލަކަށް ހެދުމަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހައްލެއް ތައާރަފް ކުރުމަށް ސީޓީއައި މޯލްޑިވްސް އިން ތައިލެންޑްގެ ހެޕިލީ އޭއި ކުންފުންޏަކާއެކު ޕާޓްނަރޝިޕެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުންފުނިތަކަށް ޓްރެއިނިން އާއި ޓީމް ބިލްޑިންގެ ހިދުމަތްދޭ ސީޓީއައި މޯލްޑިވްސް އިން ސްޓްރެޖިކް ޕާރޓްނަޝިޕް ހަދާފައިވާ ތައިލެންޑުގެ ހެޕިލީ އޭއައި އަކީ ފޯނުގެ އެޕެއް މެދުވެރިކޮށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ތަޖުރިބާތައް ދިރާސާ ކުރާ އެޕެއްގެ އިތުރުން ޕީޕަލް ސައިންސާއި ގެމިފިކޭޝަން އެކުލެވޭ އެމްޕްލޯއީ އެންގޭޖްމަންޓް ޕްލެޓްފޯމެކެވެ.
ބިހޭވިއާރަލް ސައިންސާއި ޕީޕަލް އެނަލިޓިކްސް ރިސާޗްގެ މައްޗަށް ބިނާކޮށް، މުވައްޒަފުންގެ މެދުގައި އެއްމުވައްޒަފެއް އަނެއް މުވައްޒަފަކަށް ގުޅުންބަދަހި ކުރުމަށާއި ރަނގަޅު އަދި އުފެއްދުންތެރި ސަގާފަތެއް ބިނާކުރުމަށް ދެމެހެއްޓެނިވި ހައްލެއް މި ޕާޓްނަޝިޕްގެ ދަށުން ތައާރަފް ކުރާ ސޮލިއުޝަންއިން ކުންފުނިތަކަށް ގެނެސްދެވޭނެ ކަމަށް ސީޓީއައި މޯލްޑިވްސް އިން ބުނެ އެވެ.
އޭއައި އަކީ ލީޑަރުންނާއި މެނޭޖަރުންނާއި މުވައްޒަފުން ދޭދޭ މުވައްޒަފުންނާ މެދު އަމަލުކުރަންވީ ގޮތުގެ އިންސައިޓްސް ފޯރުކޮށްދޭ އެއްޗެއް ކަމަށް ސީޓީއައި މޯލްޑިިވްސް އިން ބުނެ އެވެ.
އަދި ރަނގަޅު ވަސީލަތްތަކާއި ފްރޭމްވޯކްތަކާއި ހިދުމަތްތަކާ އެކު ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ހަރުދަނާ މެނޭޖަރުން އުފެއްދުން އަދި މައިގަނޑު އަސާސްތައް އޮޕަރޭޓްކޮށް، އިންސާނީ ހުނަރުތައް ތަރައްގީ ކުރެވޭނެ ގޮތްތައް މިއެޕް މެދުވެރިކޮށް ކުންފުނިތަކަށް ތައާރަފް ކުރާނެ އެވެ.

ހެޕިލީ އޭއައިގެ ސީއީއޯ އަދި ފައުންޑާ ތަރީފް ޖަފޭރީ ވިދާޅުވީ ސީޓީއައި މޯލްޑިވްސް އާއެކު މި ޕާޓްނަޝިޕް އިއުލާން ކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"އިންސާނީ ތަރައްގީގެ ދާއިރާގައި ސީޓީއައި މޯލްޑިވްސްގެ ތަޖުރިބާގެ ސަބަބުން އަޅުގަނޑުމެންގެ ސައިންސާއި އެނަލިޓިކްސް ރާއްޖޭގައި ބޭނުން ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ. މިއީ އޯގަނައިޒޭޝަންތަކަށް މަތީ ފެންވަރުގެ ޓީމުތައް ބިނާކުރުމަށާއި ވިޔަފާރިތައް މުސްތަގްބަލަށް ތައްޔާރުވުމަށް ލިބިގެންދާނެ އެހީއެއް." ޖަފޭރީ ވިދާޅުވި އެވެ.
ސީޓީއައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ ސީޓީއައި މޯލްޑިވްސްގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ކުންފުނިތަކުގެ އިންސާނީ ރައުސުލްމާލު ތަރައްގީ ކުރުން ކަމަށެވެ. އަދި ހެޕީލީ އޭއައިއާ އެކު މި ގާއިމު ކުރެވުނު ޕާޓްނަޝިޕް އިން ސީޓީއައި މޯލްޑިވްސްގެ އަމާޒާ ދިމާވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ހެޕިލީ އޭއިގެ ޓެކްނޮލޮޖީއާއި ޓްރެނިންގ ދާއިރާގައި އަޅުގަނޑުމެން ކުރާ މަސައްކަތް ގުޅުވާލުމުން، ރާއްޖޭގައި މަސައްކަތުގެ މާހައުލަށް އެންމެ އެކަށޭނެ މުވައްޒަފުން ބިނާކުރުމަށް އިންގިލާބީ މަސައްކަތްތަކެއް ފެށިގެންދާނެ." ބަދުރުއްދީން ވިދާޅުވި އެވެ.












