ޒަޔާންގެ މަރުގެ ޝަރީއަތް ފަށައި، ދައުވާތަކަށް ޖަވާބުދާރީވުން މާޗު މަހު ފަހުކޮޅަށް!

ޒަޔާން މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުން

ޒަޔާން މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް މީހުން

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ އަަހަރުގެ ޖޫން މަހުގެ ދެވަަނަ ދުވަހުގެ ރޭ ދަންވަރު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައި ދައުވާތަކަށް ޖަވާބުދާރީވާން މި އަންނަ މާޗު މަހުގެ ފަހު ހަފުތާއާ ހަމައަށް ފުރުސަތު ދީފި އެވެ.

މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުން ބަލަމުންދާއިރު، މިއަދު ކްރިމިނަލް ކޯޓުގައި ފެށީ ހަތް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ޝަރީއަތް ފައްޓަވަމުން ވިދާޅުވި ގޮތުގައި މައްސަލައިގެ ލިޔުންތައް ވަރަށް ގިނަ އެވެ. އަދި ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ވެސް 4،000 އެއްހާ ސަފުހާ ހިމެނޭ ކަން ގާޒީ ޝަފީއު ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރަށް ޑީއެންއޭ އެނަލިސިސް ރިޕޯޓަކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓެއް ފުލުހުން ތައްޔާރުކުރަމުންދާތީ، އެ ހެކިތަކުގެ ލިޔެކިޔުންތަކާއެކު ހެކި ލިސްޓު އަލުން ހުށަހަޅަން ވެސް ދައުލަތުން އެދިފައިވެ އެވެ. އަދި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

ދައުވާ ލިބޭ ހަތް މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވި ހަމްޒާ ލަތީފް ވިދާޅުވީ، ދައުލަތުގެ ހެކި ލިސްޓާއި އިތުރު ލިޔެކިޔުންތަކާއެކު، ދިފާއަށް ހުރިހާ ލިޔެކިޔުމެއް ލިބިފައިވާ ކަން ޔަގީންކުރަން ދައުލަތުގެ ވަކީލުންނާއެކު އިދާރީ އަޑުއެހުމެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ހުސައިން ސާމީ ވެސް ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ގިނަވުމުން ދިފާއަށް ހުރިހާ ލިޔެކިޔުމެއް ހަމައަށް ލިބުނުކަން ޔަގީންކުރަން އިދާރީ އަޑުއެހުމެއް ކޯޓުގައި ބޭއްވުމަށް ދައުލަތުން ވެސް ބޭނުންވާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރެއްވުމަށް ފަހު، ގާޒީ ޝަފީއު ނިންމެވީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ހުށަނޭޅޭ ލިޔުންތައް ހުށަހަޅަން ދައުލަތަށް ފުރުސަތު ދިނުމަށެވެ. އެއަށް ފަހު ލިޔެކިޔުންތައް ދިރާސާކުރުމަށް ދެ ހަފުތާގެ ފުރުސަތެއް ދީފައި، މާޗު 20 ވަނަ ދުވަހު އިދާރީ އަޑުއެހުމެއް ބޭއްވުމަށެވެ.

"..އޭގެ ފަހުން ހަފުތާއެއްގެ ފުރުސަތު ދީފައި، އަޑުއެހުމެއް ބާއްވާނަން، ހެކި ރައްކާތެރިކުރުމުގެ އަމުރާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި، ދައުވާތަކަށް ޖަވާބުދާރީވުމަށް،" ގާޒީ ޝަފީއު ވިދާޅުވި އެވެ.

މި މައްސަލާގައި ކުށްކުރުމަށް ކުޑަކުދިން ބޭނުންކޮށްފައިވާތީ ހަ މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް އަދި ބާކީ ހުރި މީހާގެ މައްޗަށް ޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ.

ގާޒީ ޝަފީއު މިއަދު ވިދާޅުވީ، އެ ދައުވާތައް ކޯޓުގައި ކުރިއަށް ގެންދާނީ ސިއްރުން ކަމަށެވެ. އެއީ އޭގައި ކުޑަކުދިންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ އެވެ.

ދައުވާކޮށްފައިވާ ހަތް މީހުން؛

  • އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ، 28އ.
  • އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
  • އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 19އ.
  • އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
  • އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
  • ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
  • އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރަނީ ޔައީޝް އަންވަރާއި އައިލިޝް އަލީގެ މައްޗަށެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމަށް އެހީތެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

ދައުވާކުރި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ތިން ކުދިންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ

މައްސަލައިގެ ފަސްފަހަތް؛

އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި ޒަޔާން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެ އެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރުމާ އެކު، ޒަޔާން ދިރިއުޅެމުން ދިޔަ ގެއަށް އެ ރޭ ދަންވަރު 3:16 ހާއިރު ފުލުހުން ވަނީ ގޮސްފަ އެވެ. އޭރު ގޭގެ އެއް ވަނަ ފަންގިފިލާގައި ޒަޔާން އޮތެވެ.

ފުލުހުން ހާޒިރުވިއިރު، އޭނާގެ ގައިން ގިނަ އަދަދަކަށް ލޭ އޮހޮރެމުން ދިޔަ ކަމަށާއި ނަމަވެސް އެ ވަގުތު ވެސް ވާހަކަ ދައްކައި، ފުލުހުންގެ ބައެއް ސުވާލުތަކަށް ޒަޔާން ޖަވާބު ދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަދި މިއީ ދުރާލާ ރޭވިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ އިތުރަށް ވެސް ބަޔަކަށް ހަމަލާ ދޭން ރާވާފައި އޮތް ކަމަށާއި އެ ކަން ނާކާމިޔާބުވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox