ބާދަގަނޑުގެ ވިޔަފާރިއަށް ހުޅުމާލެއިން ބިން ކުއްޔަށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭގައި އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާތީ ގިނަ އަދަދެއްގެ ބާދަގަނޑު އުފެދިފައިވާ ކަމަށާއި އެތަކެތީގެ ވިޔަފާރި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަގުތަކާއި ދުވާރު ފަދަ ތަންތަނުގައި ކުރާ ކަމަށެވެ.
އެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރަން ނިންމީ މަގުތަކާއި ދުވާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި މަގުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ބާދަގަނޑުގެ ވިޔަފާރި އަށް ބިން ދޫކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މެރީނާ އައިލެންޑުންނެވެ.
ބިމަށް އެދެން ޖެހެނީ ވިޔަފާރި ހުއްދަ އާއި އެކްސްޕޯޓް ލައިސަންސް އޮތް ފަރާތްތަކުންނެވެ. އަދި ބިމަށް އެދޭ ފަރާތަކީ އެޗްޑީސީ އަށް ދައްކަންޖެހި, ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ އެވެ.

ވަގު ބާދަގަނޑު ވިއްކުމާއި ވަގަށް ނަގާފައިވާ ކަރަންޓް ކޭބަލް ވިއްކުމަކީ އާންމު ކަމެކެވެ.
އެޗްޑީސީން ބުނެފައިވަނީ ހުއްދަ އޮވެގެން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތަކަށް ބިން ދޫކުރުމުން ހުޅުމާލޭގައި ވަގު ބާދަގަނޑާއި ވަގަށް ނަގައިގެން ކަރަންޓް ކޭބަލް ވިއްކާ ފަރާތްތައް ވެސް ދެނެގަނެވޭނެ ކަމަށެވެ.













