ވިނަރެސް ފްލެޓްތަކުން ކުދި ވިޔަފާރިތަކަށް ކޮމާޝަލް ޔުނިޓް ދޫކުރަން އިއުލާންކޮށްފި އެވެ.
ކުދި ވިޔަފާރިތަކުން ރީޓެއިލް ފިހާރަތައް ހުޅުވުމަށް އެޗްޑީސީން އިއުލާންކޮށްފައި ވަނީ ވިނަރެސް ފްލެޓްތަކުގެ ތިން ޓަވަރަކުންނެވެ.
އެގޮތުން ވީ2، ވީ5 އަދި ވީ7ގެ ފުރަތަމަ ފަންގިފިލާއިން ޔުނިޓު ދޫކުރަން އިއުލާންކޮށްފައިވާއިރު، ވީ7ގެ ގްރައުންޑް ފަންގިފިލާއިން ވެސް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލާފަ އެވެ.
- ވީ2-01-02: 892 އަކަފޫޓު
- ވީ5-01-02: 596 އަކަފޫޓު
- ވީ7-01-01: 755 އަކަފޫޓު
- ވީ7-ޖީ-07: 295 އަކަފޫޓު
މި ޔުނިޓުތަކަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މާޗް މަހުގެ ހަތް ވަނަ ދުވަހުގެ 11:00ގެ ކުރިންނެވެ. މި ޔުނިޓުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 5،000ރ. އެވެ. ނުވަތަ 5،000ރ. އަށްވާ އެމެރިކާ ޑޮލަރެވެ.
މި ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ، ފުރަތަމަ އަހަރަށް ކޮންމެ މަހަކު އަކަފޫޓަކަށް 20ރ. ގެ ރޭޓުންނެވެ. ފުރަތަމަ އަހަރަށްފަހު ފަސް ވަނަ އަހަރާ ހަމައަށް ކުލީގެ އަގު ކަނޑައެޅުމުގެ ފުރުސަތު ކުއްޔަށް ނަގާ ފަރާތަށް ލިބިގެންވާއިރު، އެންމެ ދަށް އަގަކީ ކޮންމެ މަހަކު އަކަފޫޓަކަށް 20ރ. ގެ ރޭޓެވެ.

ވިނަރެސް ފްލެޓްތަކުން ކޮމާޝަލް ޔުނިޓު ދޫކުރަން ހުޅުވާލާފައިވާއިރު، އެ ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.












