ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި, ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރު ގަޔަށް ވަޅި ޖަހައި މަރާލުމުގެ ދައުވާ ލިބުނު ޔާމިން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޏ. ފުވައްމުލަކު ހިލްޓަން، ޔާމިން ރަޝީދު، 23، ގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ދަށު ކޯޓުގައި އެ ދައުވާ ސާބިތުނުވުމުން، އެ ހުކުމް ހައި ކޯޓުގައި އިސްތިުނާފްކޮށްފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަށަވަރުކޮށްދެ އެވެ.
"އިއްޔެ ވާނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ،" ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" ނޫހަށް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ޔާމީނަށް ހަމަލާ ދެނިކޮށް ފެނިފައިވާ ކަމަށް ޝަރީއަތަށް ހެކިބަސް ދިން އެއްވެސް ހެކިވެރިޔަކު ބުނެފައިނުވާ ކަމަށެވެ. އެ ކަން ސާބިތުކުރަން ދައުލަތަށް އެންމެ މުހިންމުވި ހެކިވެރިން ޝަރީއަތަށް ހާޒިރު ނުކުރެވުނެވެ.
ހެކިބަސް ނުދޭ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތް ކޮށްދޭން ދައުލަތުން އެދުނަސް އެއީ ދައުވާ ލިބޭ ފަރާތަށް ހިއްސާ ކުރެވިފައި ނުވާ ބަޔާންތަކެއް ކަމުން އެ ބަޔާންތަކަށް ރިއާޔަތް ކުރެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެން ގައުމުތަކުގައި ވެސް ކޯޓަށް ހާޒިރު ނުކުރެވޭ ހެކިންގެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރަނީ ގާނޫނުގައި ބަޔާންކުރާ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމަށާއި އެކަމަކު ރާއްޖޭގައި އެފަދަ ގާނޫނެއް ނެތްއިރު، ހެކިންނާ ސުވާލު ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.
މައްސަލަ ސާބިތު ކުރުމަށް ކިތާބީ ހެއްކެއްގެ ގޮތުގައި އޮތީ ހާރިސްގެ ޖީންސުން ޔާމީންގެ ލޭ ފެނުމާއި، ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފައިވާނުން ވެސް ޔާމީންގެ ޑީއެންއޭ ފެނުމެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ދެ މީހުންގެ ދެމެދު މާރާމާރީއެއް ހިނގާފައި އޮތް ކަމަށް، ފުލަހަކު ޝަރީއަތަށް ހެކިބަސް ދީފައިވާތީ، އެއީ ސީދާ ހާދިސާއާ ގުޅުންހުރި ހެކި ކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރިހިބެލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ. ހުޅުމާލެ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުން ބައިތިއްބާ ތަނެކެވެ.
ހާރިސް އޭރު ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް އިއްވުމުގެ ކުރިން ހާރިސް އާއި ޔާމީން ރަޝީދު ދެމެދު 2015 ވަނަ އަހަރު ތެރޭ މާރާމާރީއެއް ހިންގި ކަމުގެ ރެކޯޑް ވެސް ފުލުހުގައި އޮތެވެ.












