މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހުޅުމާލެ-ހުޅުލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދިޔަ މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "އަދަދު"އަށް ބުނީ އެމީހާ ވެންޓިލޭޓަރުން ނަގާފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށެވެ. އެމީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އަފީފާ ބުންޏެވެ.
"އަޅުގަނޑުމެން މިއަދު 13:30 ހާއިރު ބެލި އިރު ވެންޓިލޭޓަރުން ނަގާފައި ކަމަށް މައުލޫމާތު ލިބުނީ. އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި" އަފީފާ ބުންޏެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހި އެވެ. ޒަހަމް ވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާ އެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.
ބުރާސްފަތި ދުވަހު މެންދުރު ފަހު 15:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 40 އަހަރުން މަތީގެ ދިވެހި ފިރިހެނަކަށެވެ.














