ތިލަފުށިން ސިނާއީ ބޭނުމަށް ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ 90 ޕަސަންޓު ހާއްސަ ކުރާނީ ދިވެހިންނަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 57 ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށެވެ.
އެގޮތުން، ދިވެހި ވިޔަފާރިތަކަށް ހާއްސަކުރާ ބިން ދޭނީ ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ދިވެހިންނަށް ބިން ވިއްކަނީ މިލްކު ކުރެވޭ ގޮތަށެވެ. އަދި ބޭރު ކުންފުނިތަކަށް ބިން ދޭނީ 99 އަހަރަށް ކުއްޔަށެވެ. އެއާއެކު، އެޗްޑީސީ އާއި ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވަމުންނެވެ.
އެޗްޑީސީން ބުނީ ތިލަފުއްޓަކީ ސްޕެޝަލް އެކޮނޮމިކް ޒޯންއެއް ނޫން ކަމުގައިވާއިރު، ތިލަފުށީގެ މަދު ބިންތަކަކަށް އެދޭ ބޭރުގެ ވިޔަފާރިތަކުން ވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ސަބަބުން ދިވެހިން ކުރާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ހަމައެއާއެކު މިކަމުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ ތިލަފުށިން ބިން ވިއްކުމުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.
ލަފުށި ޒޯން އޭއިން ދޫކުރާ މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާއިރު، ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިލަފުށި ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، މިގޮތަށް ބިދޭސީންނަށް ބިން ގަނެވޭގޮތަށް މި އުސޫލު އޮތުމާއެކު ކަންބޮޑުވުން ފާޅުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.











