އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) އިން ހާމަކޮށްފި އެވެ.
އެ އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭއަައިއޭގެ ޗެއާމަން އަޒާން އަހްމަދު ޒުހެއިރު ވިދާޅުވީ އެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏަށް މީގެ މަހެއްހާ ދުވަސް ކުރިން ދީފައިވާ ކަމަށެވެ. އެއާއެކު، އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެނާ ވިދާޅުވި އެވެ.
"ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަވޭ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވޭ." އޭއަައިއޭގެ ޗެއާމަން އަޒާން ވިދާޅުވި އެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
މިފަހުން އުފެދުނު ކޮންމެ ސަރުކާރަކުން ވެސް ގަން އެއާޕޯޓު ތަރައްގީ ކުރުމަށް ބޮޑެތި މަޝްރޫއުތަކެއް އިއުލާނު ކުރި ނަމަވެސް އެ އެއާޕޯޓަށް މާ ބޮޑު ބަދަލުތަކެއް އަދި ކުރިއެރުންތަކެއް މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް އައިސްފައި ނުވެ އެވެ.

އައްޑޫ އެއާޕޯޓާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން އޮވެ އެވެ. ވަކިން ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރެވެން އޮތީ ގަމަށް ބައިނަލްއަގްވާމީ ދަތުރުތައް ޝެޑިއުލް ކުރެވިގެން ކަމަށް ސަރުކާރުން ވެސް ދެކެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެއް އަޅާނެ އެވެ. ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް ތަރައްގީ ކުރާނެ އެވެ.
އަދި، ވިޔަފާރި އަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މި މަޝްރޫއުގެ ދަށުން އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަން ގާއިމުކޮށް، އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެ އެވެ.
މި މަޝްރޫއު ނިމުމުން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގެ ގަން އެއާޕޯޓަށް "ވައިޑް ބޮޑީ" މަތިންދާބޯޓުތަކަށް ޖެއްސޭނެ މަގުފަހިވެ، މިހާރަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓުތައް ޖައްސަން ފަހިކުރުމާއެކު ޓޫރިސްޓުންނަށާއި އެހެން ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެވޭނެ އެވެ.













