މިދިޔަ އަހަރު ފެމިލީ ކޯޓުގައި ކުރި ވަރީގެ އަދަދު 1،300 ގައި ހުރި އިރު އެ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދު 2،500 އަށް އަރާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެ ކޯޓުގައި ކުރި ވަރީގެ އަދަދަކީ 1،346 އެވެ. މިއީ މިދިޔަ އަހަރު އެ ކޯޓުގައި ކުރި 2،514 ކައިވެނީގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެކެވެ. ރާއްޖެއަކީ މިވަގުތުވެސް ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ވަރިގިނަ ގައުމެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީވެސް ވަރީގެ މައްސަލަތަކެވެ. އެގޮތުން ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތުކުރުމަށް 662 މައްސަލައެއް، ވަރިވުމަށް އެދި 660 މައްސަލައެއް އަދި ވަރިކުރުމަށް އެދި 312 މައްސަލައެއްގެ އިތުރުން ވަރިއާމެދު ޝައްކުވެގެން 18 މައްސަލައެއް މިދިޔަ އަހަރު އެ ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
މީގެތެރެއިން ގިނަ މައްސަލަތަށް އެ ކޯޓުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބަލާ ނިންމާފަ އެވެ.
ކައިވެނީގެ އަދަދުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ކުރެވުނު ޖުމްލަ 184 ކައިވެންޏެއް މިދިޔަ އަހަރު ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ކުރި 176 ކައިވެންޏަކާއި އޭގެ ކުރީގެ އަށް ކައިވެންޏެކެވެ.

މީގެއިތުރުން ފެމިލީ ކޯޓަށް ދެންް އެންމެ ގިނައިން ހުށަހެޅިފައިވަނީ ގެވެށި އަނިޔާ އަދި ދަރީންގެ ހަރަދުގެ މައްސަލަތަކެވެ.
އެގޮތުން ހުށަހެޅުނު ގެވެށި އަނިޔާގެ 66 މައްސަލައިގެ ތެރެއިން ދެ މައްސަލަ ފިޔަވާ ހުރިހާ މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފަ އެވެ.
ދަރީންގެ ހަރަދު ހޯދުމަށް އެ ކޯޓަށް 24 މައްސަލައެއް ހުށަހެޅި އަހަރުގެ ތެރޭ 17 މައްސަލައެއް ނިންމި އެވެ. އަދި ދަރިންގެ ހަރަދުގެ ގޮތުގައި 2022 ގައި ފެމިލީ ކޯޓުން ވަނީ 39 މިލިއަން ރުފިޔާ ބަލައިގެންފަ އެވެ.












