ވަގުތު ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުށްވެރިކޮށްފި އެވެ.
މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ ޕޯސްޓަކުން ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް ވަގުތު ނޫހުން އިއްޔެ އާންމުކޮށްފައިވާ ހަބަރު އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަކިވަކި ނޫސްވެރިންނަށާއި މީޑއާތަކަށް މިފަދަ އިންޒާރުތައް ލިބެމުންދާކަމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.
މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި މީޑިއާ ކައުންސިލުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނީ ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައި ދިނުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާއެއްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތު ކޮށްފައިވާތީ، އެކަން ކުށްވެރިކޮށް އެ މައްސަލަ ބަލައި ވީހާވެސް އަވަހަކަށް އިންސާފު ހޯދައިދިނުމަށް ކަމާއި ބެހޭ މުއައްސަސާތަކައް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ވަގުތު ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ މީޑިއާ ކައުންސިލުން ކުށްވެރިކޮށްފައިވާއިރު، ވަގުތު ނޫހުން ވަނީ، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.












