ހިޔާ ސަރަހައްދުގެ ދެ ޓަވަރެއްގައި އަންނައުނާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކެއް ހިނގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ހިޔާގެ އަށްވަނަ ޓަވަރުގައި ރީތިވާ ސަމާނު އަދި ހިޔާގެ 12 ވަނަ ޓަވަރުގައި އަންނައުނު ވިއްކާ ފިހާރައެއް ހުޅުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮމާޝަލް ޔުނިޓު ދޫކުރުމަށް އެޗްޑީސީން އިއުލާން ކޮށްފައި މިވަނީ ކޮމާޝަލް ޔުނިޓު ދޫކުރުމުގެ ފަސް ވަނަ މަރުހަލާގެ ތެރެއިންނެވެ.
އެ ސަރަހައްދުގައި މީހުން ދިިރިއުޅެން ފެށިތާ މިހާރު އަހަރެއް ވެފައިވާއިރު، އެ ސަރަހައްދުން ގިނަ ހިދުމަތްތަކެއް ލިބެން އެބަ ހުއްޓެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ކޮމާޝަލް ޔުނިޓުތަކެއް ކުއްޔަށް ދޫކޮށްފަ އެވެ.
މިހާރު ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ބޭސް ފިހާރަތަކާއި، ކެފޭ/ރެސްޓޯރެންޓަތަކާއި، ކްލިނިކްތަކުގެ އިތުރަށް އެކި އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ އޮފީސްތައް ވެސް ގާއިމްކޮށްފައި އެބަހުއްޓެވެ.
ހިޔާގެ އަށްވަނަ ޓަވަރުގައި ރީތިވާ ސާމާނު ވިއްކާ ފިހާރައެއް ހުޅުވުމަށް ކޮމާޝަލް ޔުނިޓަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، ފެބްރުއަރީ 19 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށެވެ. އެއީ 539.29 އަކަފޫޓުގެ ޔުނިޓެކެވެ.

ހިޔާގެ 12 ވަނަ ޓަވަރުގައި އަންނައުނު ވިއްކާ ފިހާރައެއް ހުޅުވަން ކޮމާޝަލް ޔުނިޓަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ 21 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށެވެ. އެއީ 543.36 އަކަފޫޓުގެ ޔުނިޓެކެވެ.













