ބާ ކައުންސިލަށް ގާނޫނީ ވަކީލުން ދައްކަން ޖެހޭ އަހަރީ ފީތައް ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ލީގަލް ޕްރެކްޓިސްއާއި ލޯފާމްގެ އަހަރީ ފީއާއި ޕަބްލިކް ނޯޓަރީގެ އަހަރީގެ ފީ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ނިންމީ އެ ގޮތަށް ގިނަ އަދަދެއްގެ ލޯ ފާމްތަކާއި ވަކީލުން އެދެމުން ދާތީ ކަމަށެވެ.
ލީގަލް ޕްރެކްޓިސް އާއި ލޯފާމްގެ އަހަރީ ފީ އަދި ޕަބްލިކް ނޯޓަރީގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު މާޗު މަހުގެ ނިޔަލަށް އިތުރު ކޮށްދިން ނަމަވެސް, އެހެނިހެން ފީތައް ދެއްކުމުގެ ފަހުގެ ތާރީހަކީ މިއަދު ކަމަށް ވެސް ބާ ކައުންސިލުން ބުނެފައިވެ އެވެ.
ބާ ކައުންސިލުން ވަކީލުންގެ އަތުން ނަގައި ފީތައް އިތުރު ކުރަން ނިންމީ, އަންނަ އަހަރަށް އެ ކައުންސިލަށް ކަނޑައެޅި ބަޖެޓް ކުޑަވީމަ އެވެ. އެގޮތުން, އެ ކައުންސިލުން ދެމުންދާ ހިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކޮށް އަދި ބައެއް އާ ފީތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ވަކީލު ކަމުގެ ހުއްދަ ދޫކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުމާއި، ލޯފާމް ހިންގުމަށާއި، އަމިއްލަ ލީގަލް ޕްރެކްޓިސް ކުރުމުގެ ހުއްދައަށް ވެސް ފީތަކެއް ކަނޑައަޅާފައިވެ އެވެ.

ވަކީލުންގެ އަތުން ނަގަން ފަށާ ފީތައް؛
ވަކީލު ކަމުގެ ހުއްދަ ދޫކުރުން - 2،000 ރ.
- ސުޕްރީމް ކޯޓުގެ ހުއްދަ - 2،000 ރ.
- ހައި ކޯޓުގެ ހުއްދަ - 1،500 ރ.
- ޕަބްލިކް ނޯޓަރީގެ ހުއްދަ - އަހަރަކު 2،000 ރ.
- ލޯފާމްގެ ރަޖިސްޓްރީ - އަހަރަކު 2،000 ރ.
- ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ - އަހަރަކު 1،000 ރ.
- ވަކީލު ލައިސަންސް ކާޑު ހެއްދުމާއި އާކުރުން - 500 ރ.
- ވަކީލު ލައިސަންސްގެ ޓްރާންސްލޭޝަން - 1،000 ރ.
- ވަކީލު ލައިސަންސް ގެއްލިގެން ހެއްދުން - 1،000 ރ.
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން - 1،000 ރ.
- ބާކައުންސިލްގެ އެކްސްކޯ އިންތިހާބަށް ކުރިމަތިލުން - 5،000 ރ.













