ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު މަގާމުގެ ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ކުރި ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
މިދިޔަ ސަރުކާރުގައި ވެމްކޯގެ އެމްޑީގެ މަގާމުގައި ހުރި ޝިފާއުގެ މައްޗަށް ދައުލަތުން މި ދައުވާ ކުރީ 2017 ވަނަ އަހަރު ނުއަަގުގައި އެ ކުންފުނިން އިމަޖެންސީކޮށް ޑަމްޕް ޓްރަކެއް ގަތް މައްސަލައެއްގަ އެވެ.
އެ ޓްރަކް ވެމްކޯއިން ގަތުމަށް އެއްބަސްވީ ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏެއް ކަމަށްވާ ކިއުބެކް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު އެވެ. ދައުލަތުގެ ދައުވާގައި ބުނެފައިވާ ގޮތުން ވެމްކޯއިން އެ ޓްރަކް ގަތީ އެއީ ބާ ވެފައިވާ ޓްރަކެއްކަން އެނގިތިބެ ބާޒާރުގެ އަގަށްވުރެ ބޮޑު އަގެއްގަ އެވެ.
ދައުލަތުން ދައުވާ ކޮށްފައިވަނީ ނުވައި ގާނޫނެއްގެ ދަށުން ކަމަށް ބުނެ މި ދައުވާ ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގަ އެވެ. ދައުލަތުން ދައުވާ ކޮށްފައިވަނީ ކޮޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ކޯޓުން ބުނެފައިވަނީ ތުގައި އެ މައްސަލައިގައި ދައުވާކުރަން ޖެހެނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށެވެ.
ގާނުނުލްއުގޫބާތުގައި އޮންނަ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި، އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހާލަތުގައި އިސްކަންދޭނީ ގާނޫނުލްއުގޫބާތަށް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ކުށުގައި ހިމެނޭ ގޮތަށް ދައުވާ ކުރެވޭނީ އެ ގާނޫނުގެ ދަށުން ކަމަށް ވާތީ ކަމަށެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ފާތިމަތު ފަރުހީޒާ މި މައްސަލަ ނިންމަވަމުން ވިދާޅުވީ، މި ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށާއި ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުގައި އިސްކަން ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.
ވެމްކޯގެ އެމްޑީގެ މަގާމުގައި ހުރެ ޝިފާއު ހުރެ ހެދި މި އެއްބަސްވުމުގައި ވަނީ 350 ޓަނުގެ އައު ޑަމްޕް ޓްރަކެއް ގަތުމަށް ކަމަށް އޭސީސީއިން އޭރު ހިންގި ތަހުގީގުގަށްވެސް ވަނީ އެނގިފަ އެވެ. ނަމަވެސް ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ޖުމްލަ 230،000ރ. އަށް ވެްކޯއިން ގަނެފައިވަނީ ޝިފާއުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ގަނެ ބޭނުންކޮށްފައި އޮތް ޑައިހެޓްސޫ ބްރޭންޑްގެ 350 ކިލޯގެ ޓްރަކެއް ކަމަށެވެ.












