ހުޅުމާލެއިން ހެވީ ވެހިކަލް ޕާކުކުރުމަށް ހާއްސަ ސްލޮޓުތަކެއް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެއިން ބީލަން އުސޫލުން ހެވީ ވެހިކަލް ޕާކުކުރަން 19 ސްލޮޓެއް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މި ސްލޮޓްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނުން ސްލޮޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކުގެ ތެރޭގައި 40 ފޫޓު ޓްރެއިލާގެ ތިން ޖާގަ އާއި، 20 ފޫޓު ޓްރެއިލާގެ ދެ ޖާގަ އާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީ ފަދަ އުޅަނދުތަކަށް ހާއްސަ ކޮށްފައިވާ 10 ޖާގައިގެ އިތުރުން ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ ހަތަރު ޖާގަ ހިމެނެ އެވެ.














