ނިމިދިޔަ ޑިސެމްބަރު މަހު ފެމިލީ ކޯޓުން 309 ކައިވެންޏާއި 94 ވަރިކޮށްދީފައިވާކަން އެ ކޯޓުން ހާމަކޮށްފި އެވެ.
ފެމިލީ ކޯޓުން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޑިސެމްބަރު މަހު ކައިވެންޏާއި ވަރިއާ ބެހޭ ޖުމްލަ 403 މައްސަލަ ނިންމާފައި ވެއެވެ. އޭގެ އިތުރަށް އެ ކޯޓުން ވަނީ ގެވެށި އަނިޔާއާ ބެހޭ 14 މައްސަލައެއް ވެސް ބަލާފަ އެވެ.
މިދިޔަ މަހު ފެމިލީ ކޯޓުން ބެލި ގެވެށި އަނިޔާގެ މައްސަލަތަކުގެ 50 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، ނޮވެމްބަރު މަހު ނުނިމި ހުރި ގެވެށި އަނިޔާގެ ތިން މައްސަލައާއި، ޑިސެމްބަރު މަހު ހުށަހެޅި ހަތަރު މައްސަލަ ހިމެނޭއިރު، ޑިސެމްބަރު މަސް ނިމުނުއިރު، ދެ މައްސަލައެއް ނުނިމި ހުއްޓެވެ. އަދި އެއް މައްސަލަ ބާތިލުކޮށްފައި ވެއެވެ.
ޑިސެމްބަރު މަހު ފެމިލީ ކޯޓުން ވަނީ ރައްކާތެރިކުރުމުގެ އަވަސް ހަތަރު އަމުރެއް ނެރެފަ އެވެ.
މިދިޔަ މަހު ފެމިލީ ކޯޓުން 94 ވަރިކޮށްދީފައިވާއިރު، އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް 60 މައްސަލައެއް ތަހްވީލުކޮށްފައި ވެއެވެ. އެގޮތުން، ކުރިން ހުށަހަޅާފައިވާ 45 މައްސަލައާއި މިދިޔަ މަހު ހުށަހެޅި 15 މައްސަލަ ވަނީ ބަލާފަ އެވެ. އެގޮތުން ސުލްހައަށް އެދި ދެ މައްސަލަ، ވަރިވުމަށް އެދި 54 މައްސަލައިގެ އިތުރުން ވަރިވުމަށް އެދި ހަތަރު މައްސަލަ ބެލިއެވެ.

އޭގެ ތެރެއިން ޖުމްލަ 25 މައްސަލަ މިދިޔަ މަހު ނިންމާފައިވާއިރު، އޭގެ ތެރޭގައި ސުލްހައަށް ހުށަހެޅުނު މައްސަލައަކާއި ވަރިވުމަށް އެދި 12 މައްސަލައިގެ އިތުރުން ވަރިކުރުމަށް އެދި ހުށަހެޅި ދެ މައްސަލައެއް ހިމެނެ އެވެ. ނުނިމި ޖުމްލަ 35 މައްސަލަ ހުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ސުލްހައަށް ހުށަހެޅި މައްސަލައަކާއި، ވަރިވުމަށް އެދި ހުށަހެޅުި 42 މައްސަލައިގެ އިތުރުން ވަރިކުރުމަށް އެދި ހުށަހެޅި ދެ މައްސަލަ އެވެ.
މީގެ އިތުރުން ވެސް ފެމިލީ ކޯޓުން ވަނީ މިދިޔަ މަސް ތެރޭގައި އާއިލީ އެހެނިހެން 15 މައްސަލައެއް ނިންމާފަ އެވެ. އެހެނިހެން އާއިލީ މައްސަލަތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން، ބަލަދުވެރިކަން/ބެލެނިވެރިކަން، މަރު ސާބިތުކުރުން، އަދި ސުލްހަކުރުމާއި ވަލީހޯދުން ހިމެނެ އެވެ.












