މިއަދު މާލޭ ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވުމާއި ގުޅިގެން އެ އިދާރާގެ ބައެއް މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މުވައްޒަފުން މިހާރު ބައިތިއްބާފައި ތިބީ އިމާމުއްދީން ސްކޫލުގައި ހުންނަވާ "އަދަދު" އަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މުވައްޒަފުން ކުރާ މަސައްތަކަށް ބުރޫ އަރާނެ ކަމަށެވެ.
"މަގުތައް ހެދުމާއި ސާފުކުރުމުގެ މަސައްކަތް ކުރަނީ މި ބޭފުޅުން، މިއަދު އެ ބޭފުޅުންގެ އެކޮމޮޑޭޝަނަށް ހައްލެއް ނުލިބެންޏާ މަސައްކަތަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވޭ" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ބްލޮކުގައި އުޅެމުންދިޔައީ މަގުމަތީގެ އެކި މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ކަމަށެވެ. އެގޮތުން، އެ މަސައްކަތަކުގެ ތެރޭގައި މަގުތަކުގެ ކާނުތައް ސާފުކުރުމާއި، ކުނި އުފުލުމާއި އެހެން މަސައްކަތްތައް ހިމެނޭކަން މުއިއްޒު ވިދާޅުވި އެވެ.
އަދި، އެ މުވައްޒަފުންގެ ގެންގުޅުނު ހުރިހާ މުދާތަކަށް ގެއްލުން ވުމުގެ އިތުރުން ނަފުސާނީ ގޮތުން ވެސް އެ މުވައްޒަފުންނަށް އެކި ގެއްލުންތައް ލިބިފައިވާނެތީ މިވަގުތު އެ މުވައްޒަފުން މަސައްކަތަށް ނެރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް މުއިއްޒު ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މުއިއްޒު ވިދާޅުވީ އަނދާ ހުލިވި އެކޮމޮޑޭޝަން ބްލޮކުގައި ތިބި މުވައްޒަފުން ބަދަލުކުރެވޭނެ ތަނެެއް ހޯދުމަށް ސިޓީ ކައުންސިލުން ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުން މިކަމުގައި އެހީތެރިކަން ހޯދުމަށް އެދިފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި، މިހާރު އެންމެ އިސްކަމެއް ދީގެން ކައުންސިލުން ކުރަމުން ދަނީ މުވައްޒަފުންގެ ކެއިން ބުއިމުގެ ކަންކަން ހައްލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އިމާދުއްދީން ސްކޫލުގައި އަލިފާނުގައި އެނދި ބްލޮކުގައި ދިރިއުޅުނު ސިޓީ ކައުންސިލްގެ ޖުމްލަ 166 މުވައްޒަފުން ތިބި ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެ ތަނުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ ބޭފުޅުންނާއި ރެޑް ކްރެސެންޓުގެ އޮފިޝަލުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.












