މާލޭގެ މިސްކިއްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް "ޗާލު މިސްކިތް" ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފަންޑްރައިސިން އިވެންޓުގެ ފުރަތަމަ ދުވަހުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ރޭ މައުލޫމާތު ދިން ގޮތުގައި އިއްޔެ ހިންގި އިވެންޓުން ޖުމްލަ 313,397.90 ރުފިޔާ ލިބިފައިވެ އެވެ.
މި އިވެންޓުގެ ތެރެއިން ފައިސާ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކުގެ އިތުރުން އޮންލައިން ޓްރާންސްފާ އަދި ސިޓީ ކައުންސިލްގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ވެސް ފައިސާ ހަދިޔާ ކުރެވޭނެ އެވެ.
ކުރިއަށް އޮތް ރޯދަ މަހަށް މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި ފަންޑު ރެއިސިން އިވެންޓު މިއަދު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެ އެވެ.
މި އިވެންޓު ފެއްޓުމަށް އިއްޔެ އާޓިފިޝަލް ބީޗުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ގޮތުގައި ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި މާލޭގެ މިސްކިއްތައް މަރާމާތު ކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމުގައި ސަރުކާރާއި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އެކި ކަންކަމުގައި ސަރުކާރުން ސިޓީ ކައުންސިލަށް އެކަށީގެންވާ ބަޖެޓާއި އެއްބާރުލުން ނުދޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.












