ދިވެހި ނޫސްވެެރިންނަށް ތަމްރީނުގެ ފުރުސަތު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާ އެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތަކުގައި މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، އެ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ އަދި ކައުންސިލުގެ މެންބަރު މުހައްމަދު އަފްރާހް، މޫސާ ރަޝީދު، އަރުމާން ރަޝީދު، އަދި ސެކްރެޓަރީ ޖެނެރަލް ޑރ، އިބްރާހީމް ސަމީރެވެ.
އިންޑިއަން ހައިކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މިސްޓަ މޫނު މަހާވަރާއި އަދި ފަސްޓް ސެކްރެޓަރީ ކަރަން ޔާދޭވް އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތައް ފެއްޓެވުމަށާއި، މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން ކުރުމުއްދަތާއި، ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތައް ފަހުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލާއި ގުޅުން ބަދަހިކޮށް މިދާއިރާއަށް ބޭނުންވާ ތަމްރީނުތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.













