ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް އަމިއްލައަށް ވަކާލާތުކުރާ އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ރައްޔިތުންގެ ހައްގުތަކުގެ މަތިން ހަނދާން ނެތޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ހިޔާނާތާއި މަނީލޯންޑެރިންގެ ކުށް ސާބިތުވެގެން ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އިދިކޮޅުންކުރާ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާތީ އެވެ.
އިދިކޮޅުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ޑރ. މުއިއްޒު ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. މުއިއްޒު މިއަދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރު އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސުލުހަވެރިކަމާ އެކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ކުރިއަށްގެންދާ މުޒާހަރާތަކެއް ކަމަށެވެ.
އެމްޑީޕީއަކީ މުޒާހަރާކުރުމަށާއި ހިޔާލުފާޅުކުރަން ޖާގަ ދޭނެ ކަމަށް ބުނާ ޕާޓީއަކަށް ވެފައި، އެ ޕާޓީގެ ވެރިކަމުގައި އިދިކޮޅަށް އެ ފުރުސަތު ލިބިގެން ނުދާތީ ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މުޒާހަރާތައް ހުއްޓުވައި މީހުން ހައްޔަރުކުރަނީ ސަރުކާރުން އަންގައިގެންނެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ކުރިމަތިލަނީކީއެއްވެސް ނޫން. ދެން އެ ބޭފުޅުންނަށް އެންގެވީމަ، ރޭގަ އަޅުގަނޑު ގެންދަން އަންގަވާފަ އޮތީމަ ގެންދިޔައީ، ޕިކްކޮށްގެން ގެންދަނީ، ކުރީ ރޭ ޝުޖާ، އޭގެ ކުރިން ސައީދު،" އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން [އެމްޑީޕީ] ކުރީގައި ބުނެފަ އޮތީ ތިމަންނަމެންނަކީ މުޒާހަރާ ކުރާ ޕާޓީއޭ، މުޒާހަރާކުރުމަށް ބާރުއަޅާ ޕާޓީއޭ، ތިމަންނަމެންނަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ ޕާޓީއޭ، ނަމަވެސް ވެރިކަމަށް ވަޑައިގެންފަ، އޭރު އެންމެ ދެކޮޅު ހެދި ކަންތައްތައް އެ ކުރައްވަނީ."
މާލޭގައި ކާނިވާ ސަރަހައްދު ފިޔަވައި މުޒާހަރާ ނުކުރެވޭ ގޮތަށް ޔާމީންގެ ވެރިކަމުގައި ގާނޫނު ބަދަލު ކުރުމަށް ފަހު، އޭރު އިދިކޮޅު ޕާޓީތަކުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލި އެވެ. އަދި އެ އެއްވުންތައް ކަވަރުކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހައްޔަރުކޮށް ދައުވާ އުފުލި އެވެ.
އެއްވެ އުޅުން ހުއްޓުވަން ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލު ބާތިލު ކުރާނެ ކަމަށް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. ނަމަވެސް، ވެރިކަމުގައި ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އެ ބަދަލު ނުގެނެ އެވެ.
މިހާރުވެސް މާލޭގައި އެއްވެ އުޅެވޭނެ ކަމަށް ގާނޫން ޖާގަ ދެނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ.












