ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކުން ދެ ފުޅި ބޮލުގަލާ ތެޔޮ ވަގަށް ނެގި މީހަކު 10،000ރ. ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖުލައި 13، 2022 ގެ 15:00 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީ ގެ އެޗް-6 ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ 'ޑެއިލީ ބާޒާރު' ފިހާރައިން 'ކުމަރިކާ' ބްރޭންޑުގެ ދެ ތެޔޮ ފުޅި ހުކުމް ރައްދުވާ ފަރާތުން އޭނާގެ ޖިންސު ތެރެއަށް ލައިގެން ވައްކަން ކުރަން އުޅެފައިވާ ކަމަށެވެ.
ދައުވާ ރައްދުވާ ފަރާތުން މި މައްސަލައިގެ ތަހުގީގައި ކުށަށް ވަނީ އިއުތިރާފުވެފަ އެވެ.
ވައްކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ފުރަތަމަ އިއްވި ހުކުމަކީ އެއް މަހާއި 20 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވަނީ އެ ހުކުމް 10،000 ރުފިޔާގެ ޖޫރިމަނާ އަކަށް ބަދަލުކޮށްދީ ޑިސެމްބަރު 29، އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތެއްގައި އެ ފައިސާ މީރާއަށް ދެއްކުމަށް ހުކުމްކޮށްދީފަ އެވެ.













