ގޭގައި ބަހައްޓާފައި ހުރި ކުޑަކުއްޖަކަށް ޖިންސީ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާއެއް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ގޮތުން އެ ކުޑަކުއްޖަކީ ޑިސެމްބަރު 2020 އިން ފެށިގެން ފެބްރުއަރީ 2021 ގެ ނިޔަލަށް މާލޭގެ ގެއެއްގައި ބަހައްޓާފައި ހުރި ކުއްޖެކެވެ.
އިތުބާރު ހުރި މަގާމެއްގައި ހުރެގެން އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވާތީ ކަމަށް ބުނެ، ދައުލަތުން އުފުލީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފައިވާ ގޮތުން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ވަނީ ހުކުމް ކުރެވިފަ އެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ވެބްސައިޓަކަށް ނުލަ އެވެ. އަދި ކުއްޖާގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ.














