މާފުށީ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހައި ސެކިއުރިޓީ ޔުނިޓަކާއެކު އިތުރު 130 މީހުންގެ ޖާގައިގެ ތަނެއް ބިނާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ގެ އަށް ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މާފުށީ ޖަލަށް މިހާރު 220 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
"ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވޭ. 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމަށް މިހާރު ވަނީ ފަށާފައިވާ. އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަންސް ކޮމްޕްލެކްސް އެޅުމުން ޖަލުގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"ޖަލު ބެލެހެއްޓުމަކީ ވަރަށް ރިސްކުބޮޑު، ވަރަށް ޒިންމާބޮޑު، ދަތި އަދި ބައެއް ފަހަރު ހިތް ދަތި ކަންތައްތަކާ ކޮންމެ ދުވަހެއްގައިހެން ކުރިމަތި ލާންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ތަމްރީންގެ ދަސްވެނިންނާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރި މި ތަމްރީން ޕްރޮގްރާމަކީ މުސްތަގުބަލަށް އެޅޭ ބިންގަލެއްކަމަށާއި އެއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަމަށެވެ.












