ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ދިރިއުޅޭ ފަރާތްތަކާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
އެގޮތުން މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ މިފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓް އެކުލަވާލާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ޕާކިން ޒޯންތަކާއި، މަގުތަކާއި، ހުސްބިން ތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރެވިފައި ހުރި އުޅަނދުތަކާއި، ސުންބޯޑުގައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ޓޯ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.













