ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އިތުބާރުހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ދައުވާ އުފުލީ ދ.ހުޅުދެލި / ޝާރާޒް، އަލީ ޝާތިރުގެ މައްޗަށެވެ.
ޝާތިރުގެ މައްޗަށް ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ އޭނާގެ ގާތަށް ޤުރްއާން ކިޔެވުމަށް ދިޔަ ކުޑަ ކުއްޖަކަށެވެ.
ދައުލަތުން ޝާތިރުގެ މައްޗަށް ދައުވާކުރި މި ކުށަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް, މި ކުށް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
މި ކުށަށް އަރައިގަތް މައްސަލާގައި އޭނާގެ މައްޗަށް ވަނީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ބަންދުގައި އެއް އަހަރާއި ހަތަރު މަސް ދުވަހު ހޭދަކޮށްފައި ވާތީ އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 13 އަހަރާ އަށް މަސް ދުވަހުގެ ޖަލު ހުުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.













