ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހެޅިދާނެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ ވަނީ ގޮވާލާފަ އެވެ. ސަރުކާރުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އިއްޔެ ދެއްކި ވާހަކަ ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"ސަރުކާރުން ދަނީ އެ އިންޒާރު ސީރިއަސްކޮށް ތަހުގީގު ކުރަމުން. އަދި އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ވަނީ ނަގާފައި،" ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަދި، އެފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުންގެ ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުގެ މަގާމުގައި ހުރި މީހެކެވެ. ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ވަހީދުގެ ވެރިކަމުގައި އައްބާސް ހުރި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރި އެވެ. އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެކްޗަރާއެކެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް ގޮވާލީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 2012، ގައި އިސްތިއުފާ ދެއްވުމާ ވިދިގެން ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ބަޔަކު ހުޅުޖެހި މައްސަލައިގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.
އައްބާސް ކުށްވެރިކޮށް، އޭނާގެ މައްސަލަ ބެލުމަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވަނީ ގޮވާލައިފަ އެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް ވެސް ވަނީ އައްބާސްގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.












