ވެރިކަން ހިންގާ މައި ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ތާއީދު ފޯމު ހޯދުމުގެ މަސައްކަތް ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފި އެވެ.
"އަންނި 2023" ގެ ކެމްޕެއިނު ފަށައި، ތާއީދު ފޯމު ފުރުމުގެ ހަރަކާތް މިއަދު ހަވީރު އެމްޕީއެލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
ނަޝީދު ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެެރިވާ ގަލޮޅު އިތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ "އަދަދު"އަށް ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ސޮއި ހޯދުމުގެ މަސައްކަތް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
މި ކެމްޕެއިނާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ "އަދަދު" އަށް ވިދާޅުވީ މަސައްކަތް ކުރަނީ ވާދަވެރިންނަށް ވުރެ ގިނަ ފޯމު ހޯދުމަށް ނުވަތަ ވަކި ޓާގެޓަކަށް ފޯމު ހޯދުމަށް ނޫން ކަމަށެވެ.

ނަޝީދަށް ތާއީދު ހޯދުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ވީ ވަރެއް ކުރަން މަސައްކަތް ކުރަނީ، ވަކި ޓާގެޓަކަށް ނޫން، ފޯމު ފުރުމުގައި ގިނަ ފޯމު ފުރުމެއް ނޫން، ނުވަތަ އެ ކަމުގައި ކުރި ހޯދުމެއް ނޫން އަޅުގަނޑުމެންގެ ޓާގެޓަކީ،" އިމްތިޔާޒް ވިދާޅުވި އެވެ.
ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ ކަން ޔަގީންވެފައިވާ، ވާދަ ކުރުމަށް ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ފޯމާއެކު 500 މެމްބަރުންގެ ސޮއި ވެސް ތާއީދުގެ ގޮތުގައި ހުށަހަޅަންޖެހެ އެވެ.
ޕްރައިމަރީ ބާއްވާން ތާވަލު ކުރެވިފައި އޮތީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.
އެމްޑީޕީގައި މިވަގުތު 58،000 އަށް މެމްބަރުން ތިބިއިރު އެއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.












