ހުޅުމާލެއަށް ދިޔުމަށް ހަދާފައިވާ ބްރިޖުގެ ޓްރެފިކް ލައިޓު ކައިރީ މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގެ ވީޑިއޯ ފުޓޭޖެއް ލީކުވެފައިވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައި ވަނީ ބެލެވޭ ގޮތުގައި ބްރިޖުގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭއްޖެއްގެ މަންޒަރެވެ. ފުވައްމުލަކު ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ ނުވަތަ މަޝްހޫރު ނަމުން ނަމަ ޖަމްބޯ މޫސާ އެކްސިޑެންޓުވި މަންޒަރު އެ ވީޑިއޯއިން ވަރަށް ސާފުކޮށް ފެނެ އެވެ.
"އެ ވީޑިއޯ އާންމުވެފައިވާ މައްސަލަ ފުލުހުން މިގެންދަނީ ބަލަމުން. އަދި އެއީ ކިހިނެއް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވިން،" ފުލުހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން ފުލުހުން ބުނީ، އެ އެކްސިޑެންޓުގެ މަންޒަރު އާންމު ކުރުމަކީ މޫސަގެ އާއިލާއަށް "ހިތްދަތިކަން ގެނުވާ" އަމަލެއް ކަމަށެވެ. އެކަމުގެ ކަންބޮޑުވުން އާއިލާއިން ވެސް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިސްމާއިލް މޫސާ އަކީ ޖަމްބޯ ފޯވަޑިންގެ ނަމުގައި ތައިލޭންޑާއި ބައެއް އެހެން ގައުމުތަކުން ރާއްޖެއަށް މުދާ ގެނެސްދޭ ކުންފުންޏެއް ހިންގި މީހެކެވެ. ގާތްގަނޑަކަށް 22 އަހަރު ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އޭނާ ރާއްޖެ އައީ މިފަހުންނެވެ.












