މަސައްކަތުގެ މާހަލުގެ ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޮންމެ އަހަރުކު ވެސް ބާއްވަމުން އަންނަ ސޭފްޓީ ވީކް މިއަދު ފަށައިފި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ގަވާއިދުން ކުރިއަށް ގެންދާ މި ޕުރޮގުރާމުގައި މިއަހަރު ވެސް ގިނަ ހަރަކާތްތަަކެއް ހިންގުމަށް ރާވާފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕުރޮގުރާމު ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، ޝާހިދު އަލީ ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއް ގާއިމު ކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ސޭފްޓީ ވީކް އިފްތިތާހު ކުރުމަށް މާލޭ ވިޔަފާރި ބަނދަރުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފައިލް
އޭނާ ވިދާޅުވީ ޕޯޓުގައި ކުރާ މަސައްކަތްތަކަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި މަސައްކަތަށްވާއިރު، ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް ހިންގޭ ސޭފްޓީ ވީކް އަކީ ވަރަށް މުހިންމު ޕުރޮގުރާމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސަލާމަތާއި ރައްކާތެރިކަން މިންގަނޑު ތަންފީޒު ކުރުމުގެ ގޮތުން ވަނީ "ހެލްތު، ސޭފްޓީ އެންޑު އެންވައިރަމަންޓު ޕޮލިސީ ސްޓޭޓުމަންޓު" ވެސް އިފަތިތާހުކޮށްފަ އެވެ. މި ޕޮލިސީ ސްޓޭޓުމަންޓަކީ، ސިނާއަތުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކޮށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ތަބާވެ، އެ ކުންފުނީގެ ހުރިހާ ހަރަކާތްތަކާއި އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށް ދާކަން ކަށަވަރު ކުރުމެވެ.

ސޭފްޓީ ވީކް އިފްތިތާހު ކުރުމަށް މާލޭ ވިޔަފާރި ބަނދަރުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފައިލް
އޭގެއިތުރުން ޕޯޓުގައި މަސައްކަތް ކުރާ މަޖޫރީ ގުރޫޕުތަކުގެ ފަރާތުން އެމްޕީއެލްއަށް ލިބޭ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން ވަނީ ހެލްމެޓުތަކެއް ވެސް ހަދިޔާ ކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސޭފްޓީ ޑިޕާޓުމަންޓަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނާއި ޕޯޓުގައި ހިނގާދިޔަ އެކި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އިތުރުން އެ ކުންފުންޏާ އެކު މަސައްކަތް ކުރާ އެހެން މުއައްސަސާތަކުގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލާ ވެސް އަރުވާފަ އެވެ. އަދި މާލެ ވިޔަފާރި ބަނދަރުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލިގެންދިޔަ ފަރާތްތަކުގެ ހަނދާނުގައި ވަނީ ސުކޫތެއް ވެސް ގެނަ އެވެ.












