ހުޅުމާލޭގެ ރަށްވެއްސަކު މަރުވުމުން މަރު ފޯމާއި، ތަފުސީލު ހިއްސާކުރުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި އެދިފައިވަނީ ހުޅުމާލެއިން ގޯތި، ފްލެޓު، ބިން، އަދި ރޯހައުސް ގަތުމަށް ނުވަތަ ކުއްޔަށް ނެގުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް މަރުވެއްޖެ ނަމަ ޑީއެންއާރުން ދޫކުރާ މަރު ސާބިތުކުރާ ފޯމާ އެކު ތަފުސީލު އެ ކުންފުންޏަށް ހިއްސާކުރުމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަރުވާ މީހުންގެ ތަފުސީލު ހިއްސާކުރުމަށް އެދުމުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނީގެ ޑޭޓާބޭސް ބެލެހެއްޓުމާއި، އެ ކުންފުނީގެ ހިދުމަތްތައް ފުރިހަމަ ކުރުމުގެ އިތުރުން ކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ދެމެހެއްޓުމަށްޓަކާ މަރުވާ ފަރާތަށް ލިބޭ ހައްގުތަކާއި، އެ ފަރާތުގެ މައްޗަށް އޮތް ވާޖިބުތައް އަދާކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތަކަށް މަގުފަހިކުރުމެވެ.
އަދި މިއަދާ ހަމައަށް މަރުވެފައިވާ ފަރާތްތަކުގެ ތެރެއިން މި ތަފުސީލުތައް އެޗްޑީސީއާ ހިއްސާކޮށްފައިނުވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ ތަފުސީލުތައް އެ ކުންފުންޏާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.












