ހުޅުމާލެއަށް ދާ ބްރިޖުގެ ޓްރެފިކް ލައިޓު ކައިރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 54 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ މެންދުރު ފަހު 2:30 ހާއިރު ކަމަށެވެ. އެކްސިޑެންޓުވީ ކާރަކާއި ސައިކަލެއް ޖެހިގެނެވެ. އެ އެކްސިޑެންޓުގައި މަރުވީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވީ ފުވައްމުލަކު ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ ނަމުން ނަމަ ޖަމްބޯ މޫސާ އެވެ. އޭނާއަކީ ޖަމްބޯ ފޯވަޑިންގެ ނަމުގައި ތައިލޭންޑާއި ބައެއް އެހެން ގައުމުތަކުން ރާއްޖެއަށް މުދާ ގެނެސްދޭ ކުންފުންޏެއް ހިންގި މީހެކެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި މަރުވީ ސައިކަލުގައި އިން މީހެއް ކަމަށެވެ. ނަމަވެސް މަރުވީ ސައިކަލު ދުއްވަން އިން މީހާކަން ނުވަތަ ފަހަތުގައި އިން މީހާ ކަމެއް ނޭނގެ އެވެ.
އޭނާއަށް ފަރުވާ ދިނީ ޓްރީ ޓްރޮޕް ހޮސްޕިޓަލުގަ އެވެ. ނަމަވެސް މިވަގުތު އެ ހޮސްޕިޓަލުން އެކަމުގެ މައުލޫމާތު އާންމުކޮށްފައެއްނުވެ އެވެ.












