އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިރޭ ނެރުނު ނޫސްބަޔާނެއްގައި އޭޑީކޭއިން ބުނެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ގުޅިގެން ތަކެތީގެ އަގު އުފުލި ހިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށް އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ އަގުތައް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަގު ބޮޑުކުރުމަށް ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އަގުތަކަށް ގެންނަ ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބައި ބަޔަށް ބަހާލައިގެން ކަމަށެވެ.
"އެކި ހިދުމަތްތަކަށް އެކި ވަރަށް އަގުގެ ބަދަލު އަންނާނީ. އެވްރެޖް ގޮތެއްގައި 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ބަދަލެއް ބައެއް ހިދުމަތްތަކުގެ އަގުތަކަށް އަންނާނެ،" އައްފާލް ވިދާޅުވި އެވެ.

އޭޑީކޭއިން ހިދުމަތުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ދުނިޔޭގެ އިގުތިސޯދަށް އައި ލޮޅުންތަކާއެކު އާންމުކޮށް ބޭނުންކުރާ ގިނަ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައްް އަންނަނީ އުުފުލެމުންނެވެ.













