އުތުރު އިންޑިއާގެ ބޭ އޮފް ބެންގަލް ސަރަހައްދު ހުރަސްކޮށް ރާއްޖޭގެ ޖައްވު ތެރޭގައި މިހާރު އެނބުރޭ ހިރަފުހާއި ދުމުގެ ސަބަބުން ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ވައި ނުރައްކާތެރިވާ މިންވަރަށް ނުސާފު ވެއްޖެ އެވެ.
މި ހިރަފުހާއި ދުން ރާއްޖޭގެ ވަޔާއި އެކުވެފައި ވަނީ މިމަހުގެ ކުރީކޮޅުން ފެށިގެންނެވެ. މިއީ ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރު ކުރިމަތިވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ވައިގެ ރައްކާތެރި މިންވަރު ބަލާލެވޭ "އައިކިއުއެއާ"އިން ދައްކާ ގޮތުން މިހާރު ހދ. ކުޅުދުއްފުށި އަދި ށ. އަތޮޅު ފުނަދޫގެ ވައި ނުރައްކާތެރިވާ މިންވަރަށް ނުސާފެވެ.
ކުޅުދުއްފުށީގެ ވައިގެ ކޮލެޓީ 151 ގައި ހުރި އިރު ފުނަދޫގެ ވައިގެ ކޮލެޓީ ހުރީ 141 ގައެވެ. 150 އަށްވުރެ އިތުރުވުމަކީ އެކަމުގެ ސަބަބުން އާންމުކޮށް އެންމެންގެ ހިތާއި ފުއްޕާމެ އާއި ހިތަށް އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.
މިހާރު ފުސް ސަރަހައްދުތަކަށް ދުރު ފެންނަ މިންވަރު 6000 އާއި 5000 މީޓަރާ ދެމެދުގެ އަދަދަކަށް ދަށްވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އާންމުކޮށް ހުންނާނީ 8000 މީޓަރާއި 7000 މީޓަރާ ދެމެދުގައި ކަަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ.













