ރިސޯޓްގައި މަޑުކުރުމަށް ޓޫރިސްޓަކު ބުކިން ހަދައި ފައިސާ ދެއްކި ނަމަވެސް އެ ފައިސާއަށް ހިޔާނާތްތެރިވެ ޓޫރިސްޓަށް ރިސޯޓްގައި މަޑުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިނުދިން ކަމުގެ ތުހުމަތުގައި އައިލެންޑް ވޮޔެޖް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި މީހާ ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މ. ވެޔާ، ހަސަން ހާޝިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ދައުވާގައިވާ ގޮތުން، މަޒްލީލާ ބިންތި މީއޯ އަހްމަދު ޝާހު ނަމަކަށް ކިޔާ މެލޭޝިއާ މީހަކު ޕެރެެޑައިޒް އައިލެންޑް ރިސޯޓްގައި މަޑުކުރުމަށް ބުކިން ހެއްދީ އައިލެންޑް ވޮޔޮޖް ޕްރައިވެޓް ލިމިޓެޑްގެ ޓްރެވެލް އެޖެންސީ މެދުވެރިކޮށެވެ.
އޭރު މެނޭޖިން ޑިރެކްޓަރަކަށް ހަސަން ހާޝިމް ހުރިއިރު، ޓޫރިސްޓު މީހާ އެ ކުންފުންޏަށް 4،236 އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށް ދައުވާގައިވެ އެވެ. ނަމަވެސް އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓު މީހާއަށް ހުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިނުދީ، ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ދައުވާގައިވެ އެވެ.
އެ ދައުވާއަށް ހަސަން ހާޝިމް އިންކާރުކޮށްފައިވެ އެވެ.
ޝަރީއަތުގައި އޭނާ ބުނެފައިވަނީ ޓޫރިސްޓު މީހާއަށް ދޭން ޖެހޭ ފައިސާ ނުދެއްކި ދިޔައީ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާތީ ކަމަށެވެ. އެ ފައިސާއަށް ހިޔާނާތްތެރިނުވާ ކަމަށާއި، އޭނައަށް ރައްދު ކުރަން ޖެހޭ ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް އޭނާ އެދުނެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ކިތާބީ ހެކީގެ ގޮތުގައި ގިނަ ލިޔެކިއުންތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، ބުކިން ހަމަޖެއްސުމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުލިބި ކަންކަން ސާފުނުވާތީ ޓޫރިސްޓު މީހާ ފޮނުވާފައިވާ މެއިލްތަކެއް ވެސް ހިމެނެ އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކާއި ހާޝިމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ހަސަން ހާޝިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ގާނޫނުލް އުގޫބާތުގައި މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި އޮތީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ހަސަން ހާޝިމްގެ ފަރާތުން، އޭނައަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަށް އެދިފައިވީ ނަމަވެސް އޭނާގެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައި އޮތުމުންނާއެކު އެ ފައިސާ ދެއްކޭނެ ކަމަށް ނުބެލެވޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވެ އެވެ.
ނަމަވެސް އޭނާއަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ނުވުމުންނާއި އާއިލާއެއް ބަލަހައްޓަމުންދާ ޒިންމާދާރު ފަރާތަކަށް ވާތީ އަދަބު ލުއިކޮށްދޭން ގާޒީ ނިންމެވި އެވެ. އެ ގޮތުން ދެ އަހަރާއި 10 މަސް ދުވަހަށް ގޭބަންދު ކުރުމަށާއި ޖަލުގައި ބަންދުކޮށް ބަހައްޓަންވީ މުއްދަތު ވަނީ ދެ މަހަށް ކުޑަކޮށްދީފަ އެވެ.












