އެޗްޑީސީގެ މިލްކިއްޔާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތިލަފުށީގެ ފަޅުތެރޭގައި ގިނަ ދުވަސްވެ ނުނަގާ ހުރި އުޅަނދުފަހަރުތަކާއި ފެތިގެން ގޮސްފައި ހުރި އުޅަނދުފަހަރުތައް އެ ތަނުން ނަގައި ފަޅު ހުސްކުރުމަށް ކޯޓުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓަށް އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި އެ ތަކެތި ނަގައި ހުސްކުރުމުގެ އިތުރަށް އެ ތަކެތި ނައްތާލުމުގެ ހައްގު ވެސް އެޗްޑީސީއަށް ލިބިދޭ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައިވެ އެވެ. އަދި އެ އެ ކަން ކުރުމަށް އެޗްޑީސީއަށް ކޯޓުން ހުއްދަ ދިނުމަށް އެދިފައިވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ކުރެއްވި ހުކުމުގައި ވަނީ ފަޅުން އުޅަނދުތައް ނަގައި އެ ތަކެތި ނައްތާލުމަށް ގަވާއިދެއް ހަދައިގެން އެޗްޑީސީއަށް ކުރިއަށް ގެންދިއުމުގައި ގާނޫނީ އެއްވެސް ހުރަހެއް އެ ކުންފުނީގެ މައްޗަށް ނެތް ކަމަށެވެ.
އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި ގާނޫނީ އެއްވެސް ދެބަސްވުންތަކެއް ފާހަގަވެގެން ހުށަހެޅި މައްސަލައެއް ގޮތުގައި ފާހަގަ ކުރެވެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެޗްޑީސީއަށް އެ ހައްގު ލިބިގެންވާ ކަމަށް ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ އެއްވެސް ގާނޫނީ އަދި ޝަރުއީ ހަމައެއް އެ ކުންފުންޏަކަށް ކިޔަވައިދެވިފައި ނެތް ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީން ނިންމީ، އެ ފަޅުން އިތުރު 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާތީ އެވެ. ތިލަފުށި ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް 127 ހެކްޓަރުގެ ބިމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބިން އުފެއްދުމަށެވެ.












