ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ކ. މާފުށީ، ނަސްރީނުގޭ މުހައްމަދު ޝައިބާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެެއްގެ ގަޔަށް ގަސްތުގައި އަތްލައި, ކުށް ކުރި ކަމަށެވެ. މި ދައުވާއަށް ޝައިބާން ވަނީ އިންކާރުކޮށްފަ އެވެ.
އެހެން ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި، ގަރީނާތައް އަދި އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކި ބަހަށް ރިއާޔަތްކޮށް މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ވަނީ ހުކުމް ކުރައްވާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ޝައިބާން 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.
އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމުން, ބާކީ ޖަލު އަދަބުގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ ހަތް އަހަރާއި ހަތަރު މަސް ދުވަހެވެ.

މީގެ އިތުރުން ޝައިބާގެ މައްޗަށް ވަނީ އޮރިޔާން ކާޑު ގެންގުޅުނު މައްސަލާގައި ވެސް ޖަލު ހުކުމެއް އިއްވާފަ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އޭނާގެ ފޯނު އެނަލައިޒްކުރުމުގެ ތެރޭގައި އެ ފޯނުން އެފަދަ ވީޑިއޯ އަދި ފޮޓޯ ފެނިފައިވާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް "އޮރިޔާންކާޑު ގެންގުޅުމުގެ" ކުށުގެ ދައުވާ އުފުލި އެވެ. މި ކުށަށް އޭނާ އިންކާރުކުރި ނަމަވެސް, ހެކި ހުރުމުން ކުށް ވަނީ ސާބިތުވެފަ އެވެ.
މި މައްސަލާގައި އޭނާ އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.












