ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ ދެ މުވައްޒަފަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބަސަޑަރުންގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެޗްޑީސީއިން ބުނީ މިއީ އެ ކުންފުނިން ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބަސެޑަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބް އެވެ.
އެޗްޑީސީއިން ބުނި ގޮތުގައި އެމްބަސެޑަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުމާއި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް ހުށަހަޅައި އެކަންކަން ހައްލުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތައް މޮނީޓާ ކުރުމެވެ. މީގެ އިތުރުން ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކުރުންވެސް މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައިގެން މިފަދަ ފަރާތްތަކަށް ދިމާވާ ކަންކަމުގައި ޝަކުވާތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.














