ސަރުކާރުގެ އިދާރާތަކުން ކޮންޓްރެކްޓު އުސޫލުން ނަގާ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުން އެ އިދާރާތަކަށް ދޫކޮށްލުމަށް ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިން މިގޮތަށް ނެގޭ މުވައްޒަފުންނަށް އެ ކޮމިޝަނުން އެޕްރޫވަލް ދޭގޮތަށް އޮތްއޮތުން، ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ އިދާރަތަކަށް ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެއިން ފެށިގެން ސިވިލް ސާވިސްގެ އިދާރާތަކުން މިގޮތަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓަކީ ސިވިލް ސާވިސްގެ ގާނޫނާއި، ގަވާއިދާއި، އުސޫލުތަކާއި އެއްގޮތަށް އަޕްޑޭޓް ކުރުން އިދާރާތަކުން ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެެފަ އެވެ.
ސިވިލް ސާވިސްގެ އިދާރާތަކުން ކޮންޓްރެކްޓު އުސޫލުން ނަގާ މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން އެޕްރޫވަލް ދޭންޖެހޭ ގޮތް ހެދީ 2017 ވަނަ އަހަރު އެވެ.
މި ނިންމުމާއެކު އިއްޔެއިން ފެށިގެން މިފަދަ މުވައްޒަފުންގެ ކޮންޓްރެކްޓު އައު ކުރުން، ނުވަތަ އަލަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓު ހެދުމާއި އެޕްރޫވްކުރުމުގެ މަސައްކަތް ކުރާނީ އެ އިދާރާއަކުންނެވެ.














