ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ނެދަލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން, ނޮވެމްބަރު 20 ގައި ބަލާ ފާސްކުރި ޕާރުސަލުގެ ތެރެއިން މަސްތުވާތަކެތީގެ ދެބާވަތެއް ކަމަށްވާ މެފެޑްރޯން އަދި ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.4 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގުގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.














