ހުޅުމާލޭގައި އުޅޭ މީހުނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރިގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އަޒީރާ ސޯދިގެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެވިގެންދާނެ އެވެ.
ހުޅުމާލެގައި ދިރިއުޅޭ މީހުނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްޑީސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިން ވެސް ހިންގާފަ އެވެ. ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީ އުމުރާއި ސިއްހަތުގެ ނަމުގައި ހާއްސަ މަންސައެއް ވެސް ބާއްވައިފަ އެވެ.











