މަޖީދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ސައިކަލްގައި ފަސޭހަކަމާ އެކު އެހެން އުޅަނދުތަކުގެ އުނދަގުލެއް ނެތި ދުއްވާލާފައި ދެވުނީ ހަމަހިމޭންކަމާ އެކު އެވެ. ވަށައިގެން އަލިގަދަވަމުން ދިޔަ ސްކްރީންތަކާއި އޭގެ ދޮށުން އިވެމުން ދިޔަ ހަޅޭކާއި ސަޕޯޓްގެ އަޑުތަކުން އެ ހިމޭންކަމަށް ގެނެސްފައި އޮތީ ތަފާތު އިހްސާސެކެވެ.
-- މިއީ ރޭ ވޯލްޑް ކަޕްގެ މެޗް ކުރިއަށް ދިޔަ ވަގުތު އަހަރެންނަށް ކުރި ތަޖުރިބާ އެވެ; އެ ތަޖުރިބާކޮށްލުމަށް އަހަރެން ނުކުތީ މުބާރާތުގެ ފުރަތަމަ ދެ މެޗް ގޭގެ ސިޓިންރޫމްގައި ވަރަށް ފޯރީގައި ބެލުމަށްފަހު އެވެ. ބޭރު މަގުމަތީގެ ރޫހް އޮތް ގޮތެއް އޭރަކު ނޭނގެ އެވެ.
ދުނިޔޭގެ އެންމެންގެ ކަޅި އަމާޒުވެފައިވާ ވޯލްޑް ކަޕްގެ ފޯރި ހިއްޕާލައި އެކުވެރިކަން ބަދަހިކުރުމަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ބޮޑު ސްކްރީން ވަނީ ހަރުކޮށްފަ އެވެ. އެކުވެރި ގްރޫޕްތަކުން އެކި ގޯޅިތަކުގައި އަމިއްލައަށް ވެސް ސްކްރީންތައް ބަހައްޓާފައިވާއިރު, ސްކްރީން ނެތް ރެސްޓޯރެންޓެއް ވެސް ނެތް ފަދަ އެވެ.
އެއިން ކޮންމެ ތަނެއްގެ ކައިރިން ވެސް ފެންނަނީ ލޮލަށް ފިނި, ޖޯޝުން ފުރިގެންވާ މަންޒަރެކެވެ;
އާޓިފިޝަލް ބީޗްގައި ބަހައްޓާފައިވާ ސްކްރީން ހުރި ހިސާބުން ދުއްވާފައި އަހަރެން ދިޔައީ ސޯޝަލް ސެންޓަރު ކައިރީގައި ބަހައްޓާފައި ހުރި ސްކްރީން ކައިރިއަށް ސެނެގާލް އަދި ނެދަލޭންޑްސް ކުޅުނު މެޗްގެ ފޯރިހިއްޕާލާށެވެ. އެ ސަރަހައްދަށް މީހުން ޖަމާވެފައި އޮތްއިރު, ރަސްފަންނާއި އެސްޓީއޯ ގޯތިތެރޭގައި ހުރި ސްކްރީން ދޮށުގައި ވެސް ފޯރި އޮތެވެ.

މީގެ ހަތަރު އަހަރު ކުރިން, 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަމަ އެ ހަނދާންތަކާ އެކު ސޯޝަލް ސެންޓަރު ސްކްރީން ދޮށުގައި ހުރި ގޮނޑިއެއް އަހަރެން އިހްތިޔާރުކުރީމެވެ. އެ ގޮނޑިއާ ޖެހިގެން އިން ދުވަސްވީ ބޭބެގެ ސަޕޯޓް އޮތީ ކޮން ޓީމަކަށްތޯ އަހަމުން, އެކުވެރިވެލީމެވެ.
"ބޭބެމެން ފުރަތަމަ ވޯލްޑް ކަޕު ބެލީ ފޮށި ޓީވީއިން، ފުރާޅު މަށްޗަށް ޑިޝް ނަގައިގެން، ބައެއް ފަހަރު މެޗުގެ އެއްބައި ފެންނަނީވެސް," އަލީ (އަލިބެ) ހުސައިން، 61، ވާހަކަ ފެށީ ދުރު ހަނދާންތަކުންނެވެ.

ސޯޝަލް ސެންޓަރު ސަރަހައްދުގައި ހުރި ސްކްރީންއިން މީހުން މެޗު ބަލަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އަލިބެ މިތަނަށް އައި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ;
ބޭބެ ބުނި ގޮތުގައި އޭނާ މި ތަނުގައި މެޗު ބަލާތާ މިހާރު ފުދޭވަރަކަށް އަހަރުވެއްޖެ އެވެ. ޔޫރޯ އާއި ވޯލްޑް ކަޕު ފަދަ ބޮޑެތި ހުރިހާ މުބާރާތެއް އެ ސަރަހައްދުގައި ބޮޑު ސްކްރީނުގައި އަޅުވާތީ އާއި އެއީ ގެ ކައިރިކަމުން އަބަދުވެސް މެޗު ބަލަން ހިޔާރު ކުރަނީ މިތަނެވެ.
"ގޭގަވެސް ބެލޭ، އެކަމު މިތާ ކިހާ ފޯރިގަދަ، ހީވަނީ ހަމަ ދަނޑުގައި އިނދެވޭހެން، އެހެންވެ ކޮންމެ ރެއަކުވެސް މިތަނަށް އަންނަނީ," ފެން ފުޅިއެއް ވެސް ހިފައިގެން އިން އަލިބެ ބުނީ މެޗުގައި ސެނެގާލް ތަފާތު ވާނެ ކަމަށެވެ.
އަލިބެގެ އުމުރާއި ފުޓުބޯޅައިގެ މައުލޫމާތު ހުރި މިންވަރު ފެނި މެޗު ފެށެން ކައިރިވަންދެންހެން އެކި ވާހަކައިގައި ތިބީމެވެ. އިނގިރޭސިންގެ ކޯޗު ކަމުނުދާ ކަމަށާއި ރޭ އެމީހުން އެހާ ގިނަ ގޯލު ޖެހިޔަސް މުބާރާތުގައި ކުރިއަށް ނުދެވޭނެ ކަމަށް އަލިބެ ލަފާކުރި އެވެ.
ކުރީ ބަރިން ގޮނޑިއެއް ހުސްވެއްޖެ އެވެ. އަލިބެ ބޭނުންވީ އަހަރެންގެ ގާތުން ތެދުވެ އެ ގޮނޑިއަށް ދިޔުމަށެވެ. އެހެންވެ, އަލިބެއާ އެކު ޝައުގުވެރި "ކޮންވަޒޭޝަން" ނިންމާލުމުގެ ގޮތުން އަނެއްކާވެސް އެންމެ ފުރަތަމަ ކުރި ސުވާލަށް ރުޖޫއަވީމެވެ.
"އަލިބެ ކޮން ޓީމެއްހޭ!"
"އަލިބެ އަބަދުވެސް ބްރެޒިލް، 'ބޯ ތަލަ' ރޮނާލްޑޯ މެން ޒުވާން އިރު ވެސް އަލިބެމެން ބްރެޒިލް"
އަލިބެ ދިއުމުން ރައްޓެހި ބަޔަކު އަންނަންދެން އެތަނުގައި އަހަރެން މަޑުކޮށްލީމެވެ. ދެން ނަޒަރު ފުންކޮށްލެވުނީ ވަށައިގެން އޮތް މާހައުލަށެވެ. އާދަޔާ ހިލާފު ފުޓްބޯޅަ އުފަލެއް ގެނެސްދޭ އެ މާހައުލުގެ ތެރެއަށް ޝައުގުވެރިކަމާ އެކު ވަދެވުނެވެ.
ޒުވާނުންނާއި ދުވަސްވީ މީހުން އެ ތިބީ އެއް މާހައުލެއްގައި, އެއް އުފަލެއް ހިއްސާކުރުމުގަ އެވެ. އެކެއްގެ ތަޖުރިބާ އާއި ވާހަކަތައް އަނެއް ޖީލަށް ހިއްސާކުރުމުގަ އެވެ. ގޭތެރޭ އެކަނި ކުރާނެ ކަމެއް ނެތިފައި އިން, ކާފަ މިރޭ ހެވިފައި ފޯރި ނަގަމުން މެޗް ބަލަން އެ އިނީ އެވެ.
ޒުވާން އެކުވެރި ގްރޫޕްގެ ސަކަރާތާއި މަޖާ މާބޮޑަށް އޮތީ ގަދަކޮށްލާފަ އެވެ. އެ މަޖަލާއި ސަކާރާތުގައި, އެ ނަސީބު މަދު ފަހަރަކު ނޫނީ ތަޖުރިބާކޮށްލަން ނުލިބޭ 'ބިދޭސީ މަސައްކަތްތެރިން'ނަށް ވެސް ބައިވެރި އެވެވެނީ އެވެ.
ދުވާލު އެއްކޮށް އެތައް ބުރަ މަސައްކަތްތަކެއްކޮށް, ރަހީމް ވެސް ސޯޝަލް ސެންޓަރުގައި އެ ހުރީ ބޮޑު ހިނިތުންވުމަކާ އެކު އެވެ. ދުވާލުގެ ބުރަ އާއި ދިރިއުޅުމުގެ މާޔޫސްކަން މިވަގުތަށް އޭނާގެ މޫނުމައްޗަކު ނެތެވެ.
"އަހަރެން ގޭގަ ޓީވީ ނުހުންނަނީ ދޯ, އެކަމަކު އަބަދުވެސް ފުޓްބޯޅަ ބަލަނީ, ސަޕޯޓް ކުރަނީ, އެހެންވެ މި ތަނަށް އަންނަނީ, ވަރަށް އުފާވަނީ," ބަންގްލަދޭޝްގެ ރަހީމްއާ ކައިރިވެލާފައި ވާހަކަ ދައްކާލުމުން, އޭނާ ބުންޏެވެ.
ތެދެކެވެ; މި ސްކްރީންތަކުގެ ދޮށުން ފެންނަ އެންމެ ގަޔާވާ މަންޒަރަކީ, ރަހީމް ފަދަ އެތައް ބަޔަކަށް "ބޯޅައީދު"ގެ ފޯރީގައި ބައިވެރިވެވޭ މަންޒަރު ފެނުމެވެ. ގްރޫޕްތައް ހަދައިގެން އެމީހުން, މި ތަންތަނަށް އައިސް އެ ތިބެނީ ވަރަށް އުފަލުންނެވެ.
ސައިކަލެއްގައި އަތް ވިއްދާލައިގެން "ދެވަނަ ގައުމަކަށް" ސަޕޯޓްދޭން އައިސްހުރި ބަންގްލަދޭޝްގެ ސަލީމްބެ ވެސް ފާހަގަކުރީ ހަމަ މިކަމެވެ. ތަނުގައި އޮތް މަޖާ ރޫހާއި އެކުވެރިކަމުގެ މިސާލެވެ. އަމިއްލަ ގައުމު ނުކުޅަނަސް, އޭނާ ގަބޫލުކުރާ ގޮތުގައި, އެންމެން އެއްކޮށްދެނީ ފުޓްބޯޅައިންނެވެ. މި މަންޒަރު ފުޓްބޯޅައަށް ނޫނީ ގެނެސް ނުދެވޭނެ އެވެ.
ހަގީގަތު ވެސް ފުޓްބޯޅައިން މުޅި ގައުމަށް ފައިދާކޮށްދެ އެވެ!
ސެނެގާލް އަދި ނެދަލޭންޑްސް ފަދަ ދެ ޓީމު ކުޅޭ މެޗެއްގައި މިހާ ފޯރިގަދަ, ތަފާތު އިހްސާސެއް ކުރެވިދާނެ ކަމަކަށް އަހަރެން, ސޯޝަލް ސެންޓަރު ދޮށަށް ދިޔައިރު ހިއެއް ނުކުރަމެވެ. އެކަމަކު މި ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާއިން ދެން ކޮންމެ މެޗެއް ވެސް ބަލާނީ މި ފޯރީގައި, މި މާހައުލަގަ އެވެ.
ހަމަހިމޭންވެފައި އޮތް މާލޭގެ މަގުތަކުގެ އަރިމަތީގައި މި އޮންނަ އެކުވެރިކަމުގެ މާހައުލުގަ އެވެ.












