ޒަމާނީ ފެންވަރަށް ކަރަންޓު މީޓަރު ޓެސްޓު ކުރެވޭ ފެސިލިޓީއެއް ފެނަކާގައި ގާއިމްކޮށްފި އެވެ.
މި ފެސިލިޓީ ގާއިމްކޮށް ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކައިން ދޭން ފެށީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ފެސިލިޓީ ފެނަކައިގައި ގާއިމްކޮށްފައި ވަނީ ބައިނަލްއަގުވަމީ ސްޓެންޑާޑްތަކަށް ފެތޭ އެންމެ ފަހުގެ ޒަމާނީ، މީޓަރު ޓެސްޓު ބެންޗެއް ހޯދުމަށްފަހު އެވެ.
މި ހިދުމަތް ފެށުމާއެކު އާންމުންނަން ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކަމަށް ފެނަކައިން ބުނެ އެވެ. އެގޮތުން، މީޓަރު ޓެސްޓު ކުރުމަށް އެއް ފަރާތެއްގެ މައްޗަށް މުޅި ރާއްޖެ ވެފައިވާ ބަރޯސާއަށް ނިމުމެއް އައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ އެވެ.
އާ ބެންޗާއެކު، މީޓަރު ޓެސްޓު ކުރުމުގެ ރިކުއެސްޓު ލިބޭތާ ތިން ގަޑިއިރާއި ހަ ގަޑިއިރާ ދެމެދު މީޓަރު ޓެސްޓުކޮށް ނިމޭނެ އެވެ. އެހެންކަމުން މި ހިދުމަތް ހޯދުމަށް ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ އެވެ. އަދި މީގެ ސަބަބުން އަލަށް ކަރަންޓުލުމުގެ ހިދުމަތް ވެސް އަވަސް ވެގެންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން އިތުރަށް ބުނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެފަދަ ވަސީލަތްތައް ގާއިމުވެގެންދާނެ ކަމަށާއި، ގަޑިއިރެއްތެރޭ މަދުވެގެން 75 މީޓަރު ޓެސްޓު ކުރެވިގެންދާނެ ކަމަށެވެ.











