ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރެފައިވާ ރައްކާތެރިކަމުގެ އަމުރަކާ ހިލާފުވެ، ކުރިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މަންމައަށް ގުޅައި "ހޭއަރުވާލާނެ" ކަމުގެ އިންޒާރު ދިނުމުން ދަރިފުޅު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މަންމައަށް ބަހުގެ ހަމަލާ ނުދިނުމަށާއި ނަފުސާނީ ގޮތުން އެއްވެސް އަނިޔާއެއް ނުދިނުމަށާއި، މުދަލަށް ގެއްލުން ނުދިނުމަށާއި، މަންމަގެ ސާފު ބަހުން ހުއްދަ ލިބިގެން މެނުވީ ދިރިއުޅޭ ގެއަށް ނުވަނުމަށް ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއްގެ ދަށުން އޮތީ އަމުރުކޮށްފަ އެވެ.
އެ އަމުރު ނެރެފައިވަނިކޮށް، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ދަރިފުޅު ވަނީ އޭނާގެ މަންމަައަށް ގުޅައި އިންޒާރު ދީފައިވާ ކަމަށް ކްރިމިނަލް ކޯޓަށް މިދިޔަ މާޗު މަހު ހުށަހެޅި މައްސަލާގައިވެ އެވެ. އެ ގޮތުން އޭނާއަށް ފައިސާ ދިނުމަށާއި ގެއަށް އަލުން ވެއްދުމަށް އަންގައި، ނޫން ނަމަ "ހޭއަރުވާލާނެ" ކަމަށް ވެސް ދައުލަތުން އެ މީހާގެ މައްޗަށް ކޮށްފައިވާ ދައުވާގައިވެ އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ އެފަދަ އަމުރުތަކާ ހިލާފުވުމަކީ އެ ގާނޫނުގައި އޮންނަ ގޮތުން ޖިނާއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބަކަށް ގާނޫނުގައި އޮންނަނީ 30،000ރ. އިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރު ދުވަހަށް ޖަލަށް ލުމެވެ.
ދައުލަތުން ކޮށްފައިވާ ދައުވާއަށް ދަރިފުޅު ވަނީ ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. ނަމަވެސް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއިރު، އެ ހެކިތައް ވަޒަންކޮށް ދައުވާ ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި އެވެ.

މައްސަލައިގެ ހުކުމް އިއްވި ދުވަހާ ހަމައަށް، ދައުވާއާ ގުޅިގެން އެ މީހަކު ނުވަ މަހާއި ހަތަރު ދުވަސް ބަންދުގައި ހޭދަކޮށްފައިވެ އެވެ. އެހެންވެ އަދަބެއްގެ ގޮތުގައި އެއް އަހަރުގެ ޖަލު ހުކުމް ކަނޑައަޅައި، އެއިން ދެން ތަންފީޒުކުރަން ޖެހޭ މުއްދަތަކީ ދެ މަހާއި 26 ދުވަސް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.












