ހައްޖާއި އުމްރާގެ އުސޫލުތައް ކަނޑައަޅާ ބިލެއް އެކުލަވާލައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި ބިލަކީ ރާއްޖެއިން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ
- ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތަކާއި ހައްޖާ އުމްރާގެ ފަންޑެއް ގާއިމްކުރުމާއި ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓުކުރުމާ ގުޅޭ އުސޫލު
- ހައްޖަށް އުމްރާއަށް ގެންދިއުމަށް އަމިއްލަ މީހުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރުމާ ގުޅުމާ އުސޫލު
- ހިދުމަތްދޭ ފަރާތްތަކުން ހައްޖުވެރިންނަށް ދިނުން ލާޒިމްވާ ހިދުމަތްތައް ކަނޑައެޅުން
- ގާނޫނާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު އެޅޭނެ އުސޫލުތައް
އެ ބިލުގެ އިތުރުން ވެސް އޭޖީ އޮފީހުން މިއަދު ވަނީ ކުޅިވަރު ގާނޫނު ބަދަލު ކުރުމަށް ވެސް ބިލެއް ރައީސް އޮފީހަށް ފޮނުވާފަ އެވެ. މި ބިލަކީ ކުޅިވަރުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށް ޓަކައި އެކުލަވާލާފައިވާ ބިލެއް ކަމަށް އޭޖީން ބުނެ އެވެ.
ރައީސް އޮފީހުން މި ދެ ބިލު ދެން ފޮނުވާނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ޕީޖީ ގުރޫޕުގެ ތެރެއިން މަޖިލީހަށެވެ.












