އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފެށޭ ވޯލްޑް ކަޕު ދިވެހިން ބޮޑު ސްކްރީނުގައި ބެލުން މީޑިއާނެޓުން މަނާކުރި ކަމަށް ބުނާ ބުނުން އެ ކުންފުނިން ދޮގުކޮށްފި އެވެ. އެ ކުންފުނިން ބުނެފައިވަނީ މަނާކުރީ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕު ދައްކައިގެން ވިޔަފާރި ފައިދާ ހޯދުން ކަމަށެވެ.
މީޑިއާނެޓުން ވޯލްޑް ކަޕުގެ މެޗުތަށް ބޮޑު ސްކްރީނުގައި ދެއްކުން މަނާކުރި ކަމަށް ބުނެ ގިނަ މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް "އަދަދު" އަށް މައުލޫމާތު ދެމުން މީޑިއާނެޓްގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކި ފަރާތްތަކަކަށް ރިބްރޮޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނިކޮށް އެހެން ބަޔަކަށް އެކަމުން ކޮމާޝަލް ފައިދާ ނެގޭނެ ޖާގަ ދެވެން ނެތް ކަމަށެވެ.
"ޓިކެޓު ވިއްކައިގެން ނުވަތަ އެކަމަށް ސްޕޮންސަރުން ހޯދައިގެން އެ ސަރަހައްދުގައި އިޝްތިހާރުކޮށްދޭ އުސޫލުން އެކަން ކުރުން މަނާ ކަމަށް ބުނެފަ އޮންނާނީ," މީޑިއާނެޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އަދި ޒަމާނުއްސުރެ މިފަދަ ބޮޑެތި މުބާރާތްތައް ބެލުމަށް ބޮޑު ސްކްރީނުގައި އެޅުވުން އެ ކުންފުނިން ނުހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މީޑިއާނެޓުން ވަނީ މިއަދު ބަޔާނެއް ވެސް ނެރެފަ އެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން މިކަމުގައި އަމަލު ކުރަނީ ފީފާގެ ގަވާއިދަށް ކަމަށެވެ. އެ ގަވާއިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރި އުސޫލުން ވޯލްޑް ކަޕު ދެއްކުން މަނާ ކަމަށާއި އެ ނޫން ގޮތަކަށް ދެއްކުން މަނާ ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ދިވެހިންނަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއްކަމުން ޒަމާނުއްސުރެ ވޯލްޑު ކަޕު ގިނަ ބަޔަކު އެއްކޮށް ބެލުމުގެ ސަގާފަތެއް އޮތުމާ އެކު ގަވާއިދާ އެއްގޮތަށް އެކަން ކުރުމަށް އެ ކުންފުނިން ހުރަސް ނާޅާނެ ކަމަށް މީޑިއާނެޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އަހަރު ވޯލްޑް ކަޕު ރާއްޖޭގައި ދެއްކުމުގެ ލައިސަންސް ނަގާފައިވަނީ މީޑިއާނެޓުންނެވެ. އެ ކުންފުނިން މި މުބާރާތް ރީބްރޮޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޔެސް ޓީވީ، ރާއްޖެ ޓީވީ އަދި މީޑިއާނެޓުގެ ޗެނަލް އައިސް ޓީވީ އަށެވެ.












