މެރީ ގްރޭސްގެ މަރުގެ މައްސަލާގައި، އޭނާ މަރާލީ ފިރިމީހާ މާވިން އެސްވައި ވާގަސްއާއި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ އަބްދުލް ރަހްމާން ކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ހަތަރު ހެއްކެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.
އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ މޭރީ ގްރޭސް ދަންޖެހިފައި ހުއްޓައި ފެނުނު ކަމަށް މާވިން ރިޕޯޓް ކުރި ނަމަވެސް އޭނާ މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.
އެ މައްސަލާގައި މާވިނާއި ލަމްހާގެ މައްޗަށް ދައުވާކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިއަދު ހަމަޖެހިފައިވާ އޮތީ ފަސް މީހެއްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ ފިލިޕީންސް މީހެއްގެ ވާހަކަ ތަރުޖަމާ ކުރެވެމުން ދިޔަ ގޮތް ސާފުނުވުމުން އެހެން ދުވަހަކަށް ފަސްކުރީ އެވެ.
ހެކިބަސް ނެގި ހަތަރު މީހުން
- ޝާއިނާ އިބްރާހީމް، އެމްބިއުލާންސްގައި ސީންއަށް ދިޔަ ނަރުހެއް
- މައުމޫނާ އަހުމަދު، އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރާ ނަރުހެއް
- ޝަރަފިއްޔާ އިބްރާހީމް، އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރާ ނަރުހެއް
- އައިޝަތު ފަޒާ ފަޒީލް، މާވިންގެ މަންމަ މާރީއާއެކު ސީންއަށް ދިޔަ މީހެއް
ދެ ނަރުހުންގެ ހެކިބަސް؛ މާވިން، ލަމްހާ، މޭރީގެ ގުޅުމާ ގުޅޭ ވާހަކަތަކެއް
މިއަދު ހެކިބަސް ނެގި ދެ ނަރުހުން ކަމަށްވާ މައުމޫނާއާއި ޝަރަފިއްޔާއަކީ ލަމްހާއާއި މާވިންއާއި މޭރީ ވެސް ދަންނަ އަދި މޭރީއާ ގުޅޭ ގޮތުން ލަމްހާއާ އެކި ވާހަކަ ދައްކާފައި ތިބި ދެ ނަރުހުންނެވެ.
މައުމޫނާ ހެކިބަސް ދެމުން ބުނި ގޮތުގައި، އޭނައަށް މޭރީ މަރުވި ކަމުގެ މައުލޫމާތު ލިބުނީ އައިޖީއެމްއެޗްގައި އެމަޖެންސީ ޑިޕާޓްމަންޓްގެ މުވައްޒަފުން ތިބޭ ގޮތަށް އުފައްދާފައި އޮތް ވައިބާ ގްރޫޕެއްގައި އެ ކަން އެންގުމުންނެވެ.

އެ މައުލޫމާތު ލިބިގެން ފުރަތަމަ ވެސް ގުޅީ ލަމްހާއަށް ކަމަށް މައުމޫނާ ބުންޏެވެ. ލަމްހާއަށް ގުޅީ ލަމްހާއާއި މާވިން އަބަދުވެސް ވަރަށް އެކުގައި އުޅޭތީއާއި ދެ މީހުނަކީ ވަރަށް ގާތް ދެ މީހުން ކަމަށް ވާތީ އެވެ. އެކަމަކު ދެ މީހުންގެ މެދުގައި އޮންނަ ގުޅުމެއް ނޭނގޭ ކަމަށް މައުމޫނާ ބުންޏެވެ.
މޭރީ ބާއްވާފައި އޮތް އެމަޖެންސީ ރޫމް ކައިރިއަށް މައުމޫނާއާއި އަދިވެސް އިތުރު ބަޔަކު ގޮސް ތިއްބެވެ. މައުމޫނާ ބުނީ އެ ތަނުގެ ކައިރިން މާވިން ފެނުނު ކަމަށެވެ. އަދި މާވިން މަތިން ލައިގެން ހުރީ ކޮނޑުކެނޑިއެއް ކަމަށާއި އޭނާގެ ކަނާތު އަތުގައި ވަކި އަޅާފައިހުރިކަން މައުމޫނާއަށް ފާހަގަވި ކަމަށެވެ.
ހާދިސާގެ ފަހުން ލަމްހާއާ އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށް މައުމޫނާ ބުންޏެވެ.
ޝަރަފިއްޔާ ކިޔައިދިން ގޮތުގައި ވެސް އޭނާއަށް ވެސް މޭރީގެ މަރުގެ ހަބަރު ލިބުނީ އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓްގައި މަަސައްކަތް ކުރާ މުވައްޒަފުން ތިބޭ ގޮތަށް އޮންނަ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އެ ގޮތަށް އެންގުމުންނެވެ.
އޭނާ ވެސް ބުނީ އެ ހަބަރު ލިބިގެން ލަމްހާއަށް ގުޅި ކަމަށެވެ. ގުޅާފައި އެހީ ލަމްހާއަށް އެ ހަބަރު ލިބުނުތޯއާއި، މޭރީގެ ހަށިގަނޑު ދެކެން އެމަޖެންސީ ރޫމަށް އަންނާނެތޯ އެވެ. އަދި ޖަވާބުގައި ލަމްހާއަށް އެކަން އެނގޭ ކަމަށާއި ހަވީރު ޑިއުޓީއަށް ދާން ޖެހޭތީ ދާނެ ކަމަށް ބުނި ކަމަށް ޝަރަފިއްޔާ ބުންޏެވެ.
މޭރީ މަރުވި ދުވަހު ޝަރަފިއްޔާ ވަނީ ލަމްހާއާ ބައްދަލުވެފަ އެވެ. އޭރު ބައްދަލުވެފައި ލަމްހާ ދެއްކި ވާހަކަތަކާއި، އޭގެ ކުރިން ވެސް މޭރީއާ ގުޅޭ ގޮތުން ލަމްހާ ދައްކާފައި ހުރި ވާހަކަތަކެއް ކަމަށް ބުނެ ޝަރަފިއްޔާ ހެކިބަސް ދިނެވެ.
ލަމްހާ ހާސްވެގެން އުޅުނު ކަމަށާއި މި މައްސަލާގައި މާވިން ހައްޔަރުކޮށްފާނެ ކަމަށް ލަމްހާ ކިޔަމުން ދިޔަ ކަމަށް ޝަރަފިއްޔާ ބުންޏެވެ. އަދި މޭރީ ފަހަކަށް އައިސް އުޅުނީ އަމިއްލަ ނަފުސަށް އަނިޔާތަކެއް ދީގެން، އެ ތުހުމަތުގައި މާވިން ޑިޕޯޓް ކޮށްލަން ކަމަށް ލަމްހާ ކިޔަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭގެ ފަހުން ލަމްހާގެ ވަކީލު މުހައްމަދު ޔާމީން ކުރި ސުވާލަކަށް ޖަވާބު ދެމުން އެ ހެކިވެރިޔާ ބުނީ މޭރީ މަރުވުމުގެ ކުރިން ވެސް އޭނާ ދަންޖެހިގެން މަރުވާން އުޅޭ ކަމަށް ބުނެ ލަމްހާ ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.
ތަހުގީގަށް ދިން ބަޔާނުގައި ވެސް މޭރީ ދަންޖެހެން އުޅޭ ކަމަށް ލަމްހާ ވާހަކަތަކެއް ދެއްކި ކަމަށް ޝަރަފިއްޔާ ބުނި ނަމަވެސް ފުލުހުން ތައްޔާރުކޮށްފައިވާ ޝަރަފިއްޔާގެ ބަޔާނުގައި އެއިން އެއްވެސް ވާހަކައެއް ނެތް ކަމަށް ލަމްހާގެ ވަކީލު ޔާމީނާއި އަބްދުﷲ ޝާއިރު އަދި މާވިންގެ ވަކީލު އިސްމާއީލް އަހުމަދު ވެސް ބުންޏެވެ.
ސީންއަށް ދިޔަ މީހުންގެ ހެކިބަސް؛ ގޭގައި މޭރީއަށް ފަރުވާ ދިން، މާވިން ވެސް ބައިވެރިވި
މިއަދު ފުރަތަމަ ހެކިބަސް ދިނީ އައިޖީއެމްއެޗްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ޝާއިނާ އެވެ. ޝާއިނާއަކީ މޭރީ މަރުވި ކަމަށް މާވިން ރިޕޯޓްކުރަން އައިޖީއެމްއެޗަށް ގުޅުމުން، އެ ހޮސްޕިޓަލްގެ ކޯލް ސެންޓަރުން ޖަވާބު ދިން ނަރުސް ވެސް މެ އެވެ.
އެ ކަން ރިޕޯޓްކުރުމުން، އެމްބިއުލާންސްގައި މޭރީއާއި މާވިން ދިރިއުޅޭ އެޑްރެސްއަށް ދިޔަ އެވެ. ޝާއިނާއާއެކު، އޭރު އިންޓާނެއްގެ ގޮތުގައި ނާސިން ކިޔަވަމުން ދިޔަ ދަރިވަރަކު އޭނާގެ އެހީތެރިއެއްގެ ގޮތުގައި ސީންއަށް ދިޔަ އެވެ.
އޭރު އެ ގޭގައި މާވިންއާއި، ދެމަފިރިންގެ ހަތަރު އަހަރުގެ ކުޑަ ދަރިފުޅާއި، މާވިންގެ މަންމައާއި އަދި އިތުރު އަންހެނަކު ވެސް ހުރި ކަމަށާއި މޭރީ ހޮސްޕިޓަލަށް ގެންދެވުނު އިރު މާވިން އަދި ދަރިފުޅު އެމްބިއުލާންސްއަށް އެރި ކަމަށް ޝާއިނާ ބުންޏެވެ.
މއ. އުދުހޭކޮކާގެ ފުރަތަމަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓްގައި މޭރީ އޮތް ކޮޓަރިއަށް ވަން އިރު ވެސް އޭނާގެ ވިންދު ހުއްޓިފައި އޮތް ކަމަށާއި ވަގުތުން ސީޕީއާރުދީ ފަރުވާ ދޭން މަސައްކަތްކޮށްފައިވާ ކަމަށް ޝާއިނާ ބުންޏެވެ. އަދި ސީޕީއާރު ދިނުމުގައި މާވިން ވަނީ އެހީތެރި ވެސް ވެފަ އެވެ.
ފަހުން ވީލްޗެއާއެއްގައި މޭރީ ބޭލުމަށް ފަހު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނު އިރު، އެމްބިއުލާންސްގެ ތެރޭގައި ވެސް ސީޕީއާރުދީ މޭރީއަށް ފަރުވާ ދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
މާވިންގެ މަންމަ މާރީގެ އެއް އޮފީހެއްގައި މަސައްކަތް ކުރަމުން ދިޔަ ފަޒާ ވެސް އެ ދުވަހު ސީންއަށް ދިޔަ އެވެ. ފާޒާ ކިޔައިދިން ގޮތުގައި އޮފީހުގައި މާރީ އިން ވަގުތު ފޯން ކޯލެއް އައެވެ. އަދި އޭގެ ފަހުން ލީދަރިފުޅަށް ގޮތެއް ވެގެން އުޅޭ ކަމަށް ބުނެ ރޯން ފެށި އެވެ.
ގެއަށް ދާން ޖެހޭ ކަމަށް މާރީ ބުނުމުންނާއި، އޭނާ އެހާ ދެރަވެފައި ހުރުމުން އެކަނި ދާން ދޫކޮށްލަން ބޭނުން ނުވާތީ މާރީއާއެކު ފަޒާ ވެސް ގެއަށް ދިޔަ އެވެ. އަދި މޭރީ ބާއްވާފައި އޮތް ކޮޓަރިއަށް މާރީއާއެކު ފަޒާ ވެސް ވަނެވެ.
މޭރީގެ ހަށިގަނޑު އޮތް ކޮޓަރީގެ ކުޑަދޮރުގައި ބެޑްޝީޓެއް އައްސާފައި އޮތް ކަމަށާއި ކުޑަދޮރު ކައިރީ އޮތް އެނދުގައި މޭރީ އޮތް އިރު އޭނާގެ މޫނު މަތި އެއްކޮށް ތެމިފައި އޮތް ކަމަށް ހެކިވެރިޔާ ބުންޏެވެ. ބެޑްޝީޓާ ގުޅޭ ގޮތުން އިތުރު ސުވާލުކުރުމުން ހަނދާނުގައި ނެތް ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
މައްސަލައިގެ ފަސްފަހަތް؛
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.
މި ދައުވާތަކަށް ލަމްހާއާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.












