ރާއްޖޭގެ އާބަދީގެ 14 ޕަސަންޓު މީހުންނަކީ ހަކުރު ބަލި ހުންނަ މީހުން ކަމަށް، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެދި ސްޓެޕް ސާވޭއިން ދައްކައިފި އެވެ.
ރާއްޖޭގައި ހަކުރު ބަލީގެ މީހުން ތިބި މިންވަރު އިންތިހާއަށް އިތުރުއިރު، 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ، ރާއްޖޭގައި މަރުވާ މީހުންގެ 3.7 ޕަސަންޓު މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު މުޅި ދުނިޔޭގެ 537 މިލިއަން މީހުންނަކީ ހަކުރު ބަލި ޖެހިފައިވާ މީހުންނެވެ. އަދި އެ އަހަރު މުޅި ދުނިޔެއިން 6.7 މިލިއަން މީހުން ހަކުރު ބަލީގެ ސަބަބުން މަރުވެފައިވެ އެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް އުޅޭއިރު، ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން ތަހައްމަލު ކުރަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ.
ޓައިޕް 1 އާއި ޓައިޕް 2ގެ ތަފާތަކީ ކޮބާ؟
މުޅި ދުނިޔޭގައި ވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ހަކުރު ބަލި ހުރި ކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުންނައިރު، 'ޓައިޕް 1 ޑައިބެޓީސް' އާންމުކޮށް މެދުވެރިވަނީ ޅަ އުމުރުގަ އެވެ. މި ވައްތަރުގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުންނެވެ.
ހަކުރު ބަލީގެ އެންމެ ގިނަ ވައްތަރު ކަމަށްވާ 'ޓައިޕް 2 ޑައިބެޓީސް' އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ. މި ވައްތަރުގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ އެވެ.

މީގެ އިތުރުން އާއިލާއިގައި ހަކުރު ބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން ވެސް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ހަކުރު ބަލީގެ އަލާމާތްތަކާއި ރައްކާތެރިވާނެ ގޮތްތައް އެނގޭތަ؟
ހަކުރު ބަލީގެ ގިނަ އަލާމާތްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުމާއި، ކަރުހިއްކާ ފެންބޮވުމާއި، އާދަޔާ ހިލާފަށް ބަޑުހައިވުމާއި، ބަރުދަން ލުއިވުމުގެ އިތުރުން ވަރުބަލިވުން ހިމެނެ އެވެ.
ހަކުރު ބަލިން ދުރާލާ ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް ވެސް ހުރެ އެވެ.
- ސިއްހީ ގޮތުން ދުޅަހެޔޮ ކާނާއާިއ ބުއިންތައް (މިންހެޔޮ) ކެއުން އިހްތިޔާރު ކުރުން،
- ކެއުމުގެ ވަގުތުތަކާއި ކާ މިންވަރާ މެދު ސަމާލުވުން،
- ހެލިވެލިވެ އުޅުމާއި ކަސްރަތު ކުރުމަށް އާދަކުރުން،
- ހަށިގަނޑުގެ ބަރުދަން އިސްކޮޅާއި އަޅައި ހުންނަން ޖެހޭ މިންވަރު (ބީއެމްއައީ) ގައި ހިފެހެއްޓުން،
- ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތުގެ ދުމުން ރައްކާތެރިވުން،
- ހަކުރު ބަލި ޖެހިދާނެ ސަބަބެއް އޮވެއްޖެނަމަ އަދި އާއިލާގައި ހަކުރުބަލީގެ މީހުން ތިބޭނަމަ، ދޭތެރެ ދޭތެރެއިން ޓެސްޓުތައް ހަދާ ބަލީގެ ހާލަތު ދެނެގަތުން
ހަކުރު ބަލި ތަހަންމަލު ކުރާ މީހުންނަކީ އެމީހުންގެ އުޅުން ވަކި ގޮތަކަށް ބައްޓަން ކުރަންޖެހޭ ބައެކެވެ. އެގޮތުން، ގަވައިދުން ބޭސް ކެއުމާއި، ގަވައިދުން ޑޮކްޓަރެއްގެ ލަފާ ހޯދުމާއި، ކެއިންބުއިން ވަކިގޮތަކަށް ބަހައްޓާ ކަސްރަތު ކުރުމުގެ އިތުރުން، ބަލީގެ ހާލަތު ދެނެގަނެ، ބަލީގެ ސަބަބުން އެތެރޭގެ މުހިންމު ގުނަވަނަކަށް ގެއްލުން ލިބިފައިވޭތޯ ބެލުމަކީ ވެސް ހަކުރު ބަލި ތަހައްމަލު ކުރާ މީހުން ކުރަން ޖެހޭ ކަމެކެވެ.













