ހުޅުމާލޭ ރެހެންދި ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ދަރިވަރުންނާއި ހެނދުނުގެ ދަންފަޅިއަށް ސްކޫލަށް ހާޒިރުވެ، ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށް މި ހާދިސާ ހިނގީ އެ ސްކޫލުގެ ފަސް ވަނަ ފަންގިފިލާގަ އެވެ.
މަންޒަރު ފެނުނު ސްކޫލުގެ ބެލެނިވެރިޔަކު ބުނި ގޮތުގައި ދުން އަރަމުން ދިޔަ ނަމަވެސް އަލިފާނުގެ ހުޅު ފެނުމުގެ ކުރިން އެމްއެންޑީއެފްގެ ފަޔަ ލޮރީ ގޮސް ހަރަކާތްތެރިވާން ފެށި ކަމަށެވެ.

"ދުން އަރަން ފެށުމާއެކު ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން، އަދި ސްޓާފުން ވެސް މިހާރު ތިބީ ބޭރަށް ނެރެފައި. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ފުލުުހުން ބުނި ގޮތުގައި ރޯވި އަލިފާން މާގިނަ އިރުތަކެއް ނުވެ ނިންވާލެވުނެވެ.
"މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަދި މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












