ހުޅުމާލޭގައި ދެ މިސްކިތާއި، ފަސް ސްކޫލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ސޮއިކޮށްފި އެވެ.
ހަތަރު ޕްރައިވެޓް ކުންފުންޏެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއި ކުރުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު މީރުމާ މާލަމުގަ އެވެ. މި ފަސް އެއްބަސްވުމުގައި ވެސް އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާތިފެވެ.
ސްކޫލުތައް
މިއަދު އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއި ކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަތަރު ޕަބްލިކް ސްކޫލެއް އެޅުމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މީހުން އާބާދުވަމުން އަންނައިރު، މިހާރު އެތަނުގައި 30،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެހެންކަމުން، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ސްކޫލެއްގެ ޑިމާންޑު ވަރަށް ބޮޑެވެ.
ހަތަރު ސްކޫލުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސޮއިކޮށްފައި ވަނީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ.
މީގެ އިތުރުން ރާއްޖޭގައި ޕްރައިވެޓް ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ވެސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފަ އެވެ. އެ ސްކޫލަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލެވެ. އެއީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސްގެ ފަރާތުން އެކްރެޑިޓްކޮށްގެން ހިންގާ، ބައިނަލްއަގްވާމީ ފެންވަރުގެ ސްކޫލަކަށް ވެގެންދާނެ އެވެ.

މި ސްކޫލު ހިންގުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ތައުލީމާ ބެހޭ ތަފާތު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށްވާ ތިންކް ސިމްޕަލްއާ ގުޅިގެންނެވެ. މި ސްކޫލުގެ އިމާރާތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ އީޖާދީ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ތިމާވެއްޓާ އެންމެ ރައްޓެހި އެއް އިމާރާތުގެ ގޮތުގަ އެވެ.
ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުލް ރަޝީދެވެ.
މިސްކިތްތައް
މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި، ރާއްޖޭގައި ހިންގާ އަމިއްލަ ދެ ވިޔަފާރިއަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މިސްކިތެއް އެޅުމުގެ އެއްބަސްވުން ހިމެނެ އެވެ. މިސްކިތް އެޅުމަށް އެއްބަސްވީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވެލިގާ ހާޑްވެއާ އެވެ.
މިސްކިތް އެޅުމަށް އެއްބަސްވި ސަންފްރަންޓުން ވަނީ ދާދިފަހުން މާލޭގައި ވެސް މިސްކިތެއް ބިނާކޮށްފަ އެވެ. އެ ކުންފުނިން ހުޅުމާލޭގައި ބިނާކުރަން ގަސްތުކުރާ މިސްކިތަކީ ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒުކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ މި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައި ވަނީ 22،935 އަކަފޫޓުގެ ބިމެއްގަ އެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓުގައި ބިނާ ކުރާ މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުޟޫކޮށް ނަމާދު ކުރެވޭނެ އެވެ. މި މިސްކިތުގައި އިރުގެ ހަކަތަ ބޭނުންކުރާއިރު، މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ އެވެ.
ސަންފްރަންޓުގެ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރަޝާދު އަހުމަދެވެ.
ވެލިގާ ހާޑްވެއާއިން ބިނާ ކުރާ މިސްކިތަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރެވޭ އެންމެ ފުރަތަމަ މަސައްކަތެވެ. 15،458 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި މިސްކިތަކީ ވެސް ޒަމާނީ ރީތި ފަރުމާއަކަށް ދެ ފަންގިފިލާއަށް ބިނާކުރާ މިސްކިތެކެވެ. މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރާއިރު، އަންހެނުންނަށް އެކަހެރިކޮށް ނަމާދު ކުރެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާނެ އެވެ.
ވެލިގާގެ މިސްކިތުގެ އެތެރޭގެއާއި ބޭރުގައި 2،200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ. މި މިސްކިތުގެ އެއްބަސްވުމުގައި އެ ކުްނފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ މުހައްމަދު އަބްދުލްގަފޫރެވެ.
ބޯހިޔަވަހިކަން
މިއަދު ބެޗް ކޮންސްޓްރަކްޝަނާއެކު ސޮއިކޮށްފައި ވަނީ ހުޅުމާލޭގައި ޕްރިމިއަމް ވިލާ ހައުސިން މަޝްރޫއެއް ހިންގުމަށެވެ. ތަޖުރިބާކާރު މުވައްޒަފުން މަސައްކަތްކުރާ ބެޗް ކޮންސްޓްރަކްޝަނުން ހިންގާ ކޮންމެ މަޝްރޫއެއް ނިންމާލުމަށް އެންމެ ގިނަ މުއްދަތަކަށް ހޭދަވެފައި ވަނީ 20 މަސް ދުވަހެވެ. އެ ކުންފުނިން ހުޅުމާލޭގައި ހިންގާ "އަސޭރިއާ" މަޝްރޫއާއެކު ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އެވެ.
އެޗްޑީސީގެ ޓޫރިޒަމް އައިލެންޑާ ގާތުން މި މަޝްރޫއު ހިންގުމަށް ތިން ލައްކަ އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ. މި މަޝްރޫއާއެކު ރާއްޖެއަށް އަލަށް ބީޗް ޑްވެލިން، ގާޑަން ޑްވެލިން އަދި އާބަން ޑްވެލިން ތައާރަފުކުރެވިގެންދާނެ އެވެ.
އަސޭރިއާގެ ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެ އެވެ. އަދި މި އިމާރާތް ގާއިމްކުރާނީ ވަނީ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް 1200 އަކަފޫޓުގެ ޖާގަ ލިބޭނެހެންނެވެ. މިތަނުގައި ދިރިއުޅޭ މީހުންނަށް، ސެމީ ގާޑަން ސެކިއުރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެޒިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސްފޯސްޓް އަދި ކްލަބްހައުސްގެ ހިދުމަތްތައް ލިބޭނެ އެވެ. އަދި އެކްކްލޫސިވްކޮށް ޕޫލް، ޕޫލްހައުސް، ވެލްނެސް ސެންޓާ، ރެކްރިއޭޝަން ސެންޓާ، މަލްޓިޕަލްޕާޕަސް ހޯލާއި، ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތް ވެސް އެތަނުން ލިބެން ހުންނާނެ އެވެ.
މި މަޝްރޫއުގައި ބެޗް ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.












