މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ލަސްވާތީ ކަމަށް ބުނެ ލ. މާންދޫ މަސް ފެކްޓަރީ ބޭރުގައި އިއްޔެ މުޒާހަރާކޮށްފައިވާއިރު ޝަކުވާތަކަށް ހައްލެއް ހޯދުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް އެ ފެކްޓަރީ ހިންގާ ހޮރައިޒަނުން މިއަދު ބުނެފި އެވެ.
މަސްވެރިންގެ އަތުން އެ ފެކްޓަރީން ގަންނަ މަސްތަކުގެ އަގު ތިން ހަފުތާގެ ތެރޭގައި ދެއްކުމަށް އެއްބަސްވެފައި އޮވެ އެވެ. ރޭ އެ ސަރަހައްދުގައި މަސްވެރިންތަކެއް މުޒާހަރާކޮށްފައި ވަނީ ބައެއް ފަހަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވާ ކަމަށް ބުނެ އެވެ.
މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ކިޔައިދިން ގޮތުގައި ބައެއް އޮޑިފަހަރަށް ފައިސާ ނުދީ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވެ އެވެ. ނަމަވެސް ހޮރައިޒަނުން އެ ވާހަކަތައް ދޮގު ކުރެ އެވެ.
ހޮރައިޒަނުން ބުނީ މަސްވެރިންނާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަ އެ މުއްދަތުގެ ތެރޭގައި ގަވައިދުން ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެ ގޮތަށް ދައްކަން ހުރި ފައިސާއެއް ދައްކާފައި އޮތް ކަން ރެކޯޑުތަކުން ވެސް އެނގޭ ކަމަށް ހޮރައިޒަނުން ބުންޏެވެ.
"ކްރެޑިޓް މުއްދަތު ހަމަވެފައިވާ އޮތް އެއްވެސް ބިލެއް ނެތް،" ހޮރައިޒަނުން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަންނަ އަގާއި، ތެލުގެ އަގުގައި ދޫކުރުމަށް ވެސް ބައެއް މަސްވެރިން ޑިމާންޑްކޮށްފައިވާ ކަމަށާއި ނަމަވެސް ސަރުކާރުގެ ސަބްސިޑީ ނެތި ހޮރައިޒަން ފަދަ ޕްރައިވެޓް ކުންފުންޏަށް އެ ކަން ކޮށްދިނުމަކީ ދަތި ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވަމުންދާތީވެ، ހޮރައިޒަން ކުންފުނި ވެސް ހިނގަމުން މި ދުވަސްވަރު ދަނީ ގެއްލުމުގައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ބައެއް ފަހަރު ދައްކާފައި ވަނީ ދަރަނި ނަގައިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.













